ވޯޓުލާ ތަނުގައި ތިބޭ އޮފިޝަލުން ކުރަހާފައި ވޯޓު ކަރުދާސް ދޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޕީޕީއެމްއިން ބުނީ، ލ. ފޮނަދޫގައި ހުރި އެރަށު 3 ނަންބަރު ވޯޓު ފޮށީގެ ވޯޓު ކަރުދާސް ދޫކުރަން އިން ކުއްޖާ، ވޯޓު ކަރުދާހުގައި ކުރަހާފައި ކަރުދާސް ދޫކުރާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
އެހެންކަމުން އެކަން އީސީގެ ސަމާލުކަމަށް ގެނެސް، އަދި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ޕީޕިއެމްއިން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އިލެކްޝަންސް އިން ހެނދުނު 08:15ގައި ބުނެފައިވާގޮތުގައި 80 އިންސައްތަ މަރުކަޒުގައި ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް