ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށި، ދެ ގަޑިއިރު ފާއިތުވި އިރު، ފުރަތަމަ ބުރުގެ ދެ ގަޑިއިރު ތެރޭގައި ވޯޓުލީ މީހުންނަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ކަރުދާސް ދެއްކުމުންނާއި ވޯޓު ކަރުދާހުން ފޮޓޯ ނެގި މައްސަލައިގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.
އެއީ ފުވައްމުލަކުގައި ވޯޓު ކަރުދާހުން ފޮޓޯ ނެގިކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައި ވަނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުަމށްފަހު މައުލޫމާތު ސާފު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އިލެކްޝަންސް އިން ހެނދުނު 08:15ގައި ބުނެފައިވާގޮތުގައި 80 އިންސައްތަ މަރުކަޒުގައި ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް