ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށި، ދެ ގަޑިއިރު ފާއިތުވި އިރު، ފުރަތަމަ ބުރުގެ ދެ ގަޑިއިރު ތެރޭގައި ވޯޓުލީ މީހުންނަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
އީސީއިން ބުނެފައިވާ ގޮތުގައި، މިއަދުގެ 10:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 65،600 މީހުންނެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 23 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 27291 އަންހެނުންނާއި 38309 ފިރިހެނުންނެވެ. އިންސައްތައަށް ބަލައިފި ނަމަ އެއީ 9.65 އިންސައްތަ އަންހެނުންނާއި 13.55 ފިރިހެނުންނެވެ.
އަދިވެސް އެއް ފޮށީގައި ވޯޓުލުން ނުފެށޭ ކަމަށް އީސީން ބުނެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން ފެށިގެން ދުރަތަމަ ދެ ގަޑިއިރު ތެރޭގައި ވޯޓުލީ 36 ހާސް މީހުންނެވެ. އީސީއިން ބުނެފައިވާ ގޮތުގައި، އެ ދުވަހުގެ 10:00ގެ ނިޔަލަށް ވޯޓު ލާފައި ވަނީ ޖުމުލަ 36163 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ.
އެއީ ވޯޓު ލެވޭ އާބާދީގެ 12.8 އިންސައްތަ މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އިލެކްޝަންސް އިން ހެނދުނު 08:15ގައި ބުނެފައިވާގޮތުގައި 80 އިންސައްތަ މަރުކަޒުގައި ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް