އިންސާނާގެ ގާތަށް މަރު އަންނާނީ ކޮން ވަގުތަކުކަމެއް އޭނާއަކަށް ނޭނގޭނެ ކަމަށާއި އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.
މަރަށް ޔައްޔާރުވުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚުތުބާގައި ބުނީ ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކްވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށް ކަމަށާއި ﷲ ސުބުހާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި، ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚުލޫޤަކީ، މަރުގެ ރަހަ ދެކި، ފަނާވެދަނަވި އެއްޗެކަމަށެވެ.
ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވައި ގައި ޖެހި އާޚިރަތް ހަދުމަނެތިކުރާ ބަޔަކަށް ނުވުމަށާއި ފެންނާން އޮތް އެންމެބޮޑު ހަގީގަތް ކަމުގައިވާ މަރާމެދު ޣާފިލް ނުވުމަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނެފައިވަނީ ﷲ ތައާލާ ކަނޑައަޅުއްވާ ލިޔުއްވާފައިވާ ވާގޮތާއި ކުޑަކޮށް ވެސް ތަފާތުވުމެއްނެތި، އަދި ލަސްވުމެއް އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާއި ބައްދަލު ކުރާނެ ކަމަށެވެ.
މަރަށް ހާޒިރުވެފައިވާ ކޮންމެ އިންސާނަކަށް ވެސް މަރުގެ ވޭނާއި ކުރިމަތިލާން ޖެހޭނެކަމާއި ފުރާނަ ހިތްޕެވުމަށް ހާޒިރުވެ ހުންނަވާ މަލާއިކަތާ، މަރަށް ހާޒިރެވެފައިވާ މީހާގެ ވަށައިގެން ތިބޭ މީހުންނަށް ނުފެނާނޭކަން ބަޔާން ކުރައްވަމުން ޚުތުބާގައި ބުނީ އެހެންނަމަވެސް މަރަށް ހާޒިރުވެފައިވާ މީހާއަށް ކުރިމަތިވަންދާ މަރުގެ ވޭނުގެ އަސަރުތައް އެބައިމީހުންނަ ފެންނާނޭ ކަމަށެވެ.
" ކާފަރުން މަރާއި ބައްދަލުވާ ވަގުތު ދެވަފަނަ ފަހަރަށް ދުނިޔެއަށް ފޮނުއްވާނޭ ނަމައޭ ހިތަށް އަރާނެ. މަލާއިކަތުން މަރުވާ މުއުމިން އަޅުންގެ ގާތަށް ވަޑައިގެން މާތްﷲ ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ދެއްވުމުން، އެއަޅާގެ ކިބައިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ސިފަތަށް ފާޅުވާނެ." ޚުތުބާގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް