ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ނިމުނު ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ވަރަށް ގިނަ މަޝްޙޫރު ފުޓްބޯޅަ ތަރިންތަކަށް ވަނީ އެކިވަރުގެ އަނިޔާތަކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއް ކުޅުންތެރިންނަށް ބޮޑެތި އަނިޔާތަކާއި ކުރިމަތިލާން ޖެހުނު އިރު، އަނެއްބައި ކުޅުންތެރިންނަށް ކުރިމަތިލާން ޖެހިފައިވަނީ ކުދި އަނިޔާތަކާއެވެ.
އަނިޔާތައް ލިބުނު ކުޅުންތެރިންގެ މެޑިކަލް ޓެސްޓުތައް ހަދާ އަނިޔާއަށް ފަރުވާ ކުރަން މިހާރު ފަށާފައިވާއިރު، އެ ކުޅުންތެރިންނަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ކޮން ދުވަހަކުތޯ މިއީ ގިނަ ކުލަބުތަކުގެ ކޯޗުންނާއި ގައުމީޓީމުތަކުގެ ކޯޗުންގެ ހިތްތަކުގައި އުފެދިފައިވާ ބޮޑު ސުވާލަކަށް ވަނީ ވެފައެވެ.
ބައެއް ކުޅުންތެރިންގެ އަނިޔާއަށް ބަލާއިރު، އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގެއްލިދާނެ ކަމުގެ ބިރުވެސް ބައެއް ކުޅުންތެރިންނަށް ހީވެފައިވާއިރު، އަނެއްބައި ކުޅުންތެރިންނަށް ލީގުތަކުގެ މުހިންމު މެޗުތައް ގެއްލިދާނެ ކަމުގެ ބިރާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ނިމިގެން ދިޔަ އިންޓަނޭޝަނަލް ބްރޭކުގައި އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކުޅުންތެރިންނަށް ބަލާއިރު،
ޖޫލްސް ކޫންޑޭ
އޭނާއަށް އަނިޔާވެފައިވަނީ ޔޫއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ އަތުން 2-0 އިން ފްރާންސް މޮޅުވި މެޗުގައެވެ. މިއަނިޔާއާއި ގުޅިގެން ކޫންޑޭ މިހާރުވަނީ އެނބުރި އޭނާގެ ކުލަބު ބާސެލޯނާއަށް ގޮސް އޮޕަރޭޝަނެއްވެސް ކޮށް ފަރުވާ ހޯދާފައެވެ. ކޫންޑޭއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ވަކި ދުވަހެއް ނޭންގޭއިރު، އޭނާއަށް ވޯލްޑްކަޕް ގެއްލިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
މާކޯ ވެރާޓީ
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ވެސް ވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ފްރެންޗް ލީގުގައި ލިޔޯންއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އޭނާގެ ފަލަމަސްގަނޑަށެވެ. މި އަނިޔާއާއި ގުޅިގެން އިޓަލީން ކުޅުނު މެޗުތަކުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. ވެރާޓީގެ އަނިޔާ މާ ސީރިއަސް ނޫނަސް ޕީއެސްޖީން ލީގުގައި ކުޅޭ ބައެއް މުހިންމު މެޗުތައް ގެއްލޭނެއެވެ.
ރޮނާލްޑް އަރައުހޯ
އަރައުހޯއަށް އަނިޔާވީ ނިމިގެން ދިޔަ އިންޓަނޭޝަނަލް ބްރޭކުގައި އުރުގުއޭ ގައުމީޓީމާއި އިރާނާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. މި މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އަރައުހޯ އަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ މި އަނިޔާއާއި ގުޅިގެން މިހާރު އޮޕަރޭޝަން ކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވޭނެ ކަމާއި މެދި ވަނީ ސުވާލު އުފެދިފައެވެ.
އެލެކްޒެންޑަރ އިސާކް
ދާދި ފަހަކުން އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑަށް ރެކޯޑް ފީއަކަށް ސޮއިކުރި އިސާކްއަށް އަނިޔާވީ އިންޓަނޭޝަނަލް ބްރޭކުގައި ސާބިއާއާއި ދެކޮޅަށް ސްވިޑެންް ކުޅުނު މެޗުގައެވެ. މި އަނިޔާއާއު ގުޅިގެން ކުޅުމާއި ދުރަށް ދާން ޖެހިފައިވާ އިސާކްއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ތިން ހަފްތާ ފަހުންކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން ލީގުގައި މުހިންމު މެޗުތަކެއް އޭނާއަށް ވެސް ގެއްލޭނެއެވެ.
މެމްފިސް ޑިޕޭ
ބާސެލ؛ޯނާގެ ޑިފެންޑަރ ޑިޕޭއަށް އަނިޔާވީ ނިގެން ދިޔަ ހަފްތާގައި ޔޫއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގައެވެ. ނަމަވެސް ޑިޕޭގެ އަނިޔާ މާ ސީރިއަސް ނޫންކަމަށް ވެއެވެ. ނަމަވެސް ބާސާ ލީގުގައި ކުޅޭ ބައެއް މެޗުތައް ޑިޕޭއަށް ގެއްލޭނެއެވެ.
ހެރީ މަގުއާ
އިނގިރޭސި ކެޕްޓަން އަދި މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މަގުއާ އަށް އަނިޔާވީ ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި މަގުއާއަށް އަނިޔާވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށެވެ. މި އަނިޔާއާއި ގުޅިގެން ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާ ޑާބީ މެޗުގައި މެގުއާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްރެންކީ ޑި ޔޮންގް
އިންޓަނޭޝަނަލް ބްރޭކްގައި ޕޮލެންޑާއި ދެކޮޅަށް ހޮލެންޑް ކުޅުނު މެޗުގައި ބާސެލޯނާގެ ތަރި ޑި ޔޮންގް އަށް ވެސް ވަނީ އަނިޔާވެފައެވެ. މި އަނިޔާއާއި ގުޅިގެން އިތުރު ފަރުވާ ހޯދުމަށް އޭނާ މިހާރުވަނީ ބާސެލޯނާއަށް ގޮސްފައެވެ. ނަމަވެސް މި އަނިޔާ މާ ސީރިއަސްނޫންކަމަށް ވެއެވެ.
ޖޯން ސްޓޯންސް
ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ދެކޮލަށް ކުޅުނު މެޗުގައި ޖޯން ސްޓޯންސްއަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. މި އަނިޔާ އެހާ ސީރިއަސް ނޫން ނަމަވެސް އަންނަ އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮލަށް ކުޅޭ ޑާބީ މެޗުގައި ސްޓޯންސްއަށް ކުޅެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް