ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާންގެ ރުހިވޮޑިގެންވާ ގޮތުގެ މަތިންނެވެ.
މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށް، ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙި ބަސްފުޅެއްގެ މާނާގައި ވެއެވެ. “ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ”. އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب) މާނައަކީ: “އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ”. އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަންނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ. އަދި ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައެވެ. ޙަދިޘް ކުރެއްވިއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة)، މާނައަކީ: “އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ)، ދެފައިދޭތެރޭގައިވާތަން(ފަރުޖު)، ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ”.
މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. “ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ”. މުޢާޛް ދެންނެވިއެވެ. “އާދޭހެވެ”، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. “މިއެތި ހިފަހައްޓާށެވެ”، އެހިނދު މުޢާޛް ދެންނެވިއެވެ. “އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. “މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!”.
ދޫރައްކާތެރިކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ، (من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت) މާނައަކީ: “ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ”.
އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރުހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއްފެނިގެންދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައިވަނީ ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު ވިސްނައިނުލައެވެ. (مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾)ق: ١٨ މާނައަކީ: “އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ”.
ތިރީގައި މިވަނީ ވާހަކަ ދެއްކުމުގެ އަދަބު ތަކުގެ ތެރެއިން ބަޔެކެވެ.
މީސްތަކުންނާއި މުޚާޠަބު ކުރުމުގައި ރިވެތި ބަހުރުވަ ބޭނުން ކުރުން. އަދި މީސްތަކުންގެ ވާހަކަތަކަށް ރައްދު ދިނުމުގައިވެސް ރިވެތި ބަހުރުވަ ބޭނުން ކުރުން. ސޫރަތުލް ޙައްޖުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ) މާނައަކީ: ” އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ ، فَإِنْ لَمْ تَجِدُوا فَبِكَلِمَةٍ طَيِّبَةٍ) ރަވާހުލް ބުޚާރީ ވަމުސްލިމް. މާނައަކީ: “ކަދުރުފަޅި އެއްގެ މިންވަރުން ނަމަވެސް ތިޔަބައިމީހުންގެ ނަފްސުތައް ނަރަކައިން ސަލާމަތް ކުރާށެވެ. ކަދުރުފަޅިއެއްގެ މިންވަރު ލިބިގެން ނުވާ މީހާ ހެޔޮބަހެއް ބުނުމުގެ ސަބަބުން ނަމަވެސް، އެމީހާގެ ނަފްސު ނަރަކައިން ސަލާމަތް ކުރާށެވެ.”
މީސްތަކުންނަށް ވިސްނޭނެ ފަދަ ގޮތަކަށް ވާހަކަ ދެއްކުން. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. (مَا كَانَ رَسُولُ اللَّهِ يَسْرُدُ الْحَدِيثَ كَسَرْدِكُمْ ، إِنَّمَا كَانَ حَدِيثُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصْلا ، تَفْهَمُهُ الْقُلُوبُ) ރަވާހުލް ބުޚާރީ ވަމުސްލިމް. މާނައަކީ: “ތިޔަބައިމީހުން ތިޔަ ވާހަކަ ދައްކާ ގޮތަށް އަވަސް އަރުވާލާފައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާ ނުހައްދަވައެވެ. އެކަލޭގެފާނު ބަސްފުޅު ޙަދީޘް ކުރައްވަނީ މީސްތަކުންނަށް ވިސްނޭނެފަދަ ގޮތަކަށް މަޑުމައިތިރި ކަމާއި އެކުގައެވެ.” އަދިވެސް އެކަމަނާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ كَلَامُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَلَامًا فَصْلًا يَفْهَمُهُ كُلُّ مَنْ سَمِعَهُ) މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަސްފުޅު ޙަދީޘް ކުރައްވަނީ މަޑުމައިތިރި ކަމާއި އެކުގައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅު އަޑު އެހި ކޮންމެ މީހަކަށް ވިސްނޭނެފަދަ ގޮތަކަށެވެ.”
މުޚާޠަބު ކުރެވޭ މީހާގެ ޢިލްމާއި މަޢްލޫމާތާއި ސިކުނޑީގެ ތަނަވަސްކަން ހުރި މިންވަރަކުން މުޚާޠަބުކޮށް ހެދުން.
ތިމާ އަށް އެޚަބަރެއްގެ ތެދު ދޮގު ޔަގީން ނުވާ ޚަބަރުތަކުގެ ވާހަކަ ނުދެއްކުން. އަދި ހީތަކުގެ މައްޗަށް ބުރަވެ ހުރެގެން ވާހަކަ ދެއްކުމުން ދުރުހެލިވުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ الْعَبْدَ يَتَكَلَّمُ بِالْكَلِمَةِ يَزِلُّ بِهَا فِي النَّارِ أَبْعَدَ مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ) ރަވާހު އަޙްމަދު. މާނައަކީ: “އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ”. އަދިވެސް ޙަދީޘް ކުރައްވައެވެ. (إِيَّاكُمْ وَالظَّنَّ ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ) މާނައަކީ: “ތިޔަބައިމީހުން ހީތަކާއި ދުރުހެލިވާށެވެ. ހަމަކަށަވަރުން އެންމެ ދޮގުކަން ބޮޑު ވާހަކަ އަކީ ހީއެއްގެ މައްޗަށް ބިނާކޮށް ދެއްކޭ ވާހަކަ އެވެ.”
ﷲ ގެ މަގަށް ދަޢްވަތު ދިނުމަށް، ނުވަތަ ހެޔޮކަމަކަށް އަމުރުކޮށް ނުބައި ކަމެއް ނަހީ ކުރުން ފަދަ ބޭނުންތެރި ކަމެއްގައި މެނުވީ ވާހަކަ ގިނަ ނުކުރުން. ސޫރަތުއް ނިސާގެ 114 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّـهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ) މާނައަކީ: “صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ) ރަވާހުލް ބުޚާރީ. މާނައަކީ: “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮބަހެއް ބުނާ ހުށިކަމެވެ. ނޫންނަމަ ހިމޭނުން ހުންނާށެވެ.”
ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވުން. ސޫރަތުލް މުއިމިނޫންގެ 1-3 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾) މާނައަކީ: “مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.”
މީހަކު ވާހަކަ ދައްކަމުން ދަނިކޮށް މެދު ކަނޑާލާފައި ވާހަކަ ނުދެއްކުން. ސަބަބަކީ ބުއްދިވެރިންގެ މަޖިލިސްތަކުގައި ދެމީހުން އެއްފަހަރާ ވާހަކަ ދައްކާ ނުހަދާނެއެވެ.
ވާހަކަ ދެއްކުމުގައި މީސްތަކުންގެ ގަދަރު ކުޑަކޮށް، މީސްތަކުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް ނުހެދުން. ސޫރަތުލް ބަގަރާގެ 83 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَقُولُوا لِلنَّاسِ حُسْنًا) މާނައަކީ: “ތިޔަބައިމީހުން މީސްތަކުންނާއި މެދު ހެޔޮބަސް ބުނާ ހުށި ކަމެވެ.” ސޫރަތުލް ޢަންކަބޫތުގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ) މާނައަކީ: “ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ.”
ބޭނުންވާ ވަރަށް ވުރެ އަޑުހަރުކޮށް ވާހަކަ ނުދެއްކުން. ސޫރަތު ލުގްމާންގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ) މާނައަކީ: “އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް