ހުކުރު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަހެވެ. އެދުވަސް ބަރަކާތްތެރި ވާ ސަބުތައްވެސް ބައިވަރެވެ. އެހެނީ ހަފްތާގެ އެހެނިހެން ދުވަސްތަކާއި ހިލާފަށް ހުކުރު ދުވަހަށް ހާއްސަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ.
ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު ބޮޑު ޖަމާޢަތަކަށް ޖަމާކުރާ ދުވަހަކަށް މި ދުވަސް ވާތީއެވެ. މި ޚާއްޞަ ޖަމާޢަތައް މުސްލިމު ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅި ފިރިހެނުން ޚާއްޞަ ސަމާލުކަމެއް ބަހައްޓާއިރު، ޢާއިލީ ޖަމާޢަތްތައް މި ދުވަހުގެ ހުކުރު ނަމާދަށްފަހު އެއްކުރުމުގައި މުސްލިމު އަންހެންތަކުން މުހިންމު ދައުރެއް އަދާކުރެއެވެ. ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް ހުކުރު ދުވަހަކީ ގޯތި ގެދޮރަށް ޒިޔާރަތްކުރާ މެހެމާނުންނާއި ގާތްތިމާގެ މީހުންނަށް އުފާވެރި ހިނިތުންވުމަކާއެކު މަރުޙަބާ ކިޔުން ޢާއްމު ދުވަހެކެވެ.
މާތް ﷲ ޔަހޫދީންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. ނަޞާރާއިންނަށް ޚާއްޞަ ދުވަހެއް ކަމުގައި އާދިއްތަ ދުވަސް ލެއްވިއެވެ. އަދި މުސްލިމުންނަށް ޚާއްޞަ ދުވަހެއް ކަމުގައި ހުކުރު ދުވަސް ޚިޔާރުކުރައްވައި މިއުންމަތަށް ޚާއްޞަ ދުވަހެއްކަމުގައި ހުކުރު ދުވަސް ލެއްވިއެވެ. އެހެނަސް އިސްލާމްދީން ބާވައިލެއްވުނީ ޔަހޫދީ ދީނާއި ނަޞާރާ ދީނަށް ފަހުގައި ކަމަށްވުމާއިވެސް އެކުގައި މުސްލިމުންނަށް ޚާއްޞަ ދުވަހަކީ ހޯމަ ދުވަސް ކަމުގައި ނުލައްވަވައި ހުކުރު ދުވަސް ކީރިތި ﷲ އިޚްތިޔާރު ކުރެއްވުމުގައި ނުހަނު ގިނަގުނަ ޙިކުމަތްތަކެއް ވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އެގޮތުން ނަޞާރާއިންނާއި ޔަހޫދީންގެ މައްޗަށް އިސްލާމްދީން އިސް ކުރައްވަވާފައިވާކަން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅުން ސާބިތުވެއެވެ.
އަދިވެސް މިކަން ދަލީލިކޮއްދޭ ވަރަށްގިނަ ރިވާޔަތްތައް އައިސްފައި ވެއެވެ. އެގޮތުން މާތް ﷲ ރުއްސުންލެއްވި އައުސްބިން އައުސްގެ ކިބައިން ރިވާވެގެންއައިސްފައިވާ މާތް ރަސޫލާ ގެ މިއަންނަނިވި ހަދީޘް ފާހަގަކޮއްލެވެއެވެ. ” عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام) رواه أبو داود މާނައަކީ : ”އިރުއެދުވަހެއްގެ މައްޗަށްއަރާ އެންމެހެޔޮދުވަހަކީ ހުކުރުދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ“.
ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ.
އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ.
އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ. އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ. ހެޔޮވިސްނުމަކުން ވިސްނާލުންހުއްޓެވެ.
އެހެންކަމުން ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ޢީދެކެވެ. މިއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލައްވަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާ މި އުންމަތުގެ މުސްލިމުންނަށްޓަކައެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކުން އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމުގައި ބަޔާން ކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ
“އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”
ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާ ކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. މި ޙަދީސްފުޅުގެ މާނައިގައި ވަނީ
“ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވާ ކަމުގައެވެ”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް