ހަރިކޭން އިއަން އަކީ ތާރީހުގައިވެސް ފްލޮރިޑާއަށް އެރި އެންމެ ނުރައްކާތެރި ތޫފާނަށް ވެދާނެ: ބައިޑަން

ކެޓަގަރީ ހަތަރެއްގެ ދަރަޖައިގެ ތޫފާން، ހަރިކޭން އިއަން އަކީ ތާރީހުގައިވެސް ފްލޮރިޑާ ސްޓޭޓަށް އެރި އެންމެ ނުރައްކާތެރި ތޫފާނަށް ވުމުގެ ފުރުސަތު ބޮޑުކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެ...

30 Sep 2022 | 03:18

ކެޓަގަރީ ހަތަރެއްގެ ދަރަޖައިގެ ތޫފާން، ހަރިކޭން އިއަން އަކީ ތާރީހުގައިވެސް ފްލޮރިޑާ ސްޓޭޓަށް އެރި އެންމެ ނުރައްކާތެރި ތޫފާނަށް ވުމުގެ ފުރުސަތު ބޮޑުކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވީ މީހުން ސަލާމަތްކުރުމާއި ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތްކުރަމުން އަންނަ އެ ގައުމުގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ.

ތޫފާން އިއަންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ފްލޮރިޑާ ސްޓޭޓްގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ކެނޑި، ފެންބޮޑުވެފައިވާއިރު މި ތޫފާނުގައި ލިބުނު ގެއްލުން އަދި އަންދާޒާކުރެވިފައެއް ނުވެއެވެ.

ނަމަވެސް މިހާތަނަށް އެކަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

2.6 މިލިޔަން މީހުންގެ އާބާދީއަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު ބައެއް ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެސްކިއު ޓީމްތަކަށް ދިއުމަށްވެސް ވަނީ ހުރަސް އެޅިފައެވެ. ބޮޑު ސަރަހައްދެއްގައި ކަރަންޓުގެ ހިދުމަތާއި މުވާސަލާތީ ހިދުމަތް މެދުކެނޑިފައިވުމުން މި ތޫފާނުގައި ލިބޭ ގެއްލުން އަންދާޒާކުރުން އިންތިހާއަށް އަދި އުނދަގޫކަން އެމެރިކާއިން ހާމަކުރެއެވެ.

މީގެ ދެ ދުވަސް ކުރިން ކިއުބާއަށް އެރި އިރު މި ތޫފާނަކީ "ކެޓަގަރީ ތިނެއް"ގެ ތޫފާނެކެވެ. އެއަށް ފަހު ބާރު އިތުރަށް ގަދަވެ އިއްޔެ ނޫން ކުރީ ދުވަހުގެ ހަވީރު ފްލޮރިޑާއަށް މި ތޫފާން އެރީ "ކެޓަގަރީ ހަތަރެއް"ގެ ތޫފާނެއްގެ ގޮތުގައެވެ. މި ތޫފާނުގެ ބާރު މިހާރު ދަށްވަމުން އަންނަކަން ރިޕޯޓްކޮށްފައިވާއިރު މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ އެމެރިކާގެ ޖޯޖިއާ ސްޓޭޓާއި ދިމާއަށެވެ. ބާރު ދަށްވަމުންދިޔަ ނަމަވެސް ޖޯޖިއާގައިވެސް ފެން ބޮޑުވެ އެ ސްޓޭޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް