ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އިސްރާފު ކުޑަކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އިލްތިމާސްކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސްކުރެއްވީ މާލޭ ވޯޓަރ ...

30 Sep 2021 | 18:33

ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އިލްތިމާސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސްކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިންގ ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގައި އެބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ޚާއްޞަކޮށް ފެންއިސްރާފުނުކުރުމާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޑަބްލިއު.އެސް.ސީ.އާ އަދި ސަރުކާރު ހިއްޞާވާ އެހެން ކުންފުނިތަކުންވެސް އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި މީހުން ބިނާކުރުމާއި ރައްޔިތުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާ ފައެވެ.

މީގެ ތެރޭގައި ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކިތަންމެ ކުޑަ މަސައްކަތެއް ކަމުގައިވިޔަސް އެއީ ރައްޔިތުންގެ ފަސޭހައަށް ކުރެވޭ ކަންތައްތައް ކަމުގައިވާތީ އެފަދަ ކަންކަމުގައިވެސް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

އެމް.ޑަބްލިއު.އެސް.ސީ. އާއެކު އެހެންކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން މިރޭ ބޭއްވި މި ޙަފްލާގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެ ވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް