ޕްރޮގްރެސިވް ކޯލިޝަންގެ މިނިވަން ކަމުގެ ދިފާއުގައި ޕެޓިޝަންގައި ސޮއި ކުރަން ފަށައިފި އެވެ.
މި ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ ކާނިވާ ސަރަހައްދުގައި އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ "ބޮޑު ޖަލްސާ" ގަ އެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ދީފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.
މި ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހިބިމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭކަމަށެވެ.
މި ޕެޓިޝަންގައި ޕްރޮގްރެސިވް ކޯލިޝަންގެ ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުންނާއި، ގިނަ އާންމު މެމްބަރުންވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ޕެޓިޝަނެއް ކަމަށް ވެސް އެކޯލިޝަނުން ބުނެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް