ދިރާގު މޮބައިލް އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
ދިރާގުން ބުނީ މިއީ ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް އިސްނަގައިގެން ކުރަމުންދާ މަސައްކަތައް އެއްބާރުލުންދިނުމުގެ ގޮތުން ގެންނަ ބަދަލު ކަމަށެވެ.
މި ބަދަލާއި އެކު މާދަމާއިން ފެށިގެން ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 ޕަސެންޓާއި ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 ޕަސެންޓާއި ހަމައަށް ހެޔޮ ވެގެންދާނެއެވެ.
ހަމަ މިއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 ޕަސެންޓާއި ހަމައަށް ހެޔޮވެގެންދާނެއެވެ.
މީގެ އިތުރުން، އެލް. ޓީ. އީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ. މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެ ކަމަސް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފައިވައި ޕްލޭންއެކެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ހިމަނާފައިވެ އެވެ.
ހަމަމިއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްގެން ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ހަމަ އެއްމެ ޕްލޭނަކުން ލިބޭނެ އެވެ. އަދި މީގެ އިތުރުން، މި ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިންގ، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕާކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބޭނެ އެވެ.
ދިދރާގުން ބުނީ މި ގެނައި ބަދަލަށް މިރޭ 12:00 ން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ހެނދުނު 6:00ން ފެށިގެން ކަސްޓަމަރުންނަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ލިބެން ފަށާނެ އެވެ.
އެކަމަކު ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތަކުގެ ތަފްސީލް ފެންނަން ފަށަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބުނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތައް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދިނުމަށް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް