އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއަށް ބިރުދެއްކުމުގެ ދައުވާ އުފުލައިފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއަށް ދައުވާ ކޮށްފި އެވެ. މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ މާލޭ މއ. ރެސްޓީންހައުސް މުހައްމަދު އިނާދުގެ މައްޗަށެވެ. އޭނާ އިންޑިއާ...

30 Sep 2021 | 08:26

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއަށް ދައުވާ ކޮށްފި އެވެ.

މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ މާލޭ މއ. ރެސްޓީންހައުސް މުހައްމަދު އިނާދުގެ މައްޗަށެވެ. އޭނާ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނީ ޓުވިޓާގައި މިދިޔަ ޖޫން 30 ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އިނާދާއި ދެކޮޅަށް ދައުވާ އުފުލީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އެ ދައުވާ އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ޙަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކަމަށް ވިދާޅުވި އެވެ.

މި ދައުވާ އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގަ އިނާދު ހައްޔަރު ކުރީ މިދިޔަ ޖުލައި ތިން ވަނަ ދުވަހު އެވެ.

“ރޮޔަލް ހުސެން ތަކުރު” ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް