މާ ގަދައަށް ނަށައި ހެދުމުން ވަރު ދެރަވެ، ޕްރެޝަރު ދަށްވެގެން ޕްރޭނާ އެޑްމިޓްކޮށްފި

އިންޑިއާގެ ޓީވީ ތަރި ޝްވެތާ ތިވާރީ ނުވަތަ ދިވެހިން ދަންނަ ނަމުންނަމަ ޕްރޭނާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެޑްމިޓް ކުރީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި "ކ...

30 Sep 2021 | 07:09

އިންޑިއާގެ ޓީވީ ތަރި ޝްވެތާ ތިވާރީ ނުވަތަ ދިވެހިން ދަންނަ ނަމުންނަމަ ޕްރޭނާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެޑްމިޓް ކުރީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި "ކަތްރޯން ކޭ ކިލާޑީ 11"ގެ ފައިނަލް ޝޯގައި މާ ގަދަޔަށް ނަށައި ހެދުމުން ގައިގެ ވަރު ދެރަވެ، ލޭގެ ޕްރެޝަރު ދަށްވެގެންނެވެ. މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ އިރު މިއަދު ނޫނީ މާދަމާ ގެއަށް ދޫކޮށްލާނެ ކަމަށްވެ އެވެ.

ޝްވެތާގެ މީޑިއާ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ހާލު ދެރަވެ އޭނާ އެޑްމިޓް ކުރަން ޖެހުނީ އެ ޝޯގައި މާ ބުރަކޮށް އުޅެން ޖެހުމާއި މާގިނައިން ދަތުރުކޮށް ހަދަން ޖެހުމުން ކަމަށެވެ. އަދި އެ ޝޯ ޝޫޓް ކުރި ސައުތް އެފްރިކާގެ މާހައުލާއި ޝްވެތާ ނުގުޅުންވެސް އޭނާގެ ސިއްހީ ހާލަތު ދަށްވާން ދިމާވި ސަބަބު ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ދެތިން މަހު "ކަތްރޯން ކޭ ކިލާޑީ" ޝޫޓް ކުރުމަށް ޝުވެތާ ސައުތް އެފްރިކާގައި އުޅެފައިވާއިރު އެފަދަ ސިއްހީ މައްސަލައެއް ދިމާވި ކަމަކަށް ނުވެ އެވެ. ޝްވެތާ ވަނީ އެ ޝޯގެ ގަދަ ފަހެއްގައި ވާދަކޮށްފަ އެވެ.

އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އޮތް އިރު ފިރިމީހާ އަބީނާވް ކޮއްލީ ވަނީ އަވަސް ޝިފާއަކަށް އެދި ޓުވީޓެއް ކޮށްފަ އެވެ. ވަރަށް ބޮޑަށް މައްސަލަ ޖެހި ދެމީހުން ވަކި ދިރިއުޅެމުންދާއިރު ދެމީހުންނަށް ލިބިފައިވާ ކުޑަ ފިރިހެން ދަރިފުޅުގެ ބެލެނިވެރިކަން ނެގުމުގެ މައްސަލައިގަ ބަހުގެ ހަމަލާތައް ދަނީ ދެ ފަރާތުން ބަދަލު ކުރަމުންނެވެ.

ޝްވެތާއަށް އަވަސް ޝިފާއަކަށް އެދި ކުރި ޓުވީޓުގައިވެސް އަބީނާވް ބުނެފައިވަނީ ދަރިފުޅު ހޯދަން ދެންދާނީ ކޯޓަށް ކަމަށާއި އެކަމަކު ދެމީހުންގެ ދޭތެރޭ ކޮންމެ މައްސަލައެއް އޮތަސް އަވަސް ޝިފާއަށް އެދޭ ކަމަށެވެ.

ޝްވެތާ އިންޑިއާ އަދި ރާއްޖޭގައި މަޝްހޫރުވެފައިވަނީ 2008-2001 ވަނަ އަހަަރަށް ސްޓާ ޕްލަސްއިން ދެއްކި "ކަސައުޓީ ޒިންދަގީ ކީ" ގެ ޕްރޭނާގެ ރޯލުންނެވެ. އޭގެ ފަހުންވެސް އޭނާ ގިނަ ސިލްސިލާތަކަކުން ފެނިގެން ދިޔަނަމެސް މާ ބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް