އިސްރަށްވެހިންގެ ދުވަސް ހުޅުމާލޭގައި ފާހަގަ ކުރަނީ - ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފަ

އިސްރަށްވެހިންގެ ދުވަސް ހުޅުމާލޭގައި ފާހަގަ ކުރުމަށް ނިންމާ، ގިނަ ހަރަކާތްތަކެއް ރާވަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި ދުވަސް ފާހަގަކުރަނީ އެ ކުންފުންޏާއި ކޮމިއުނިޓީ ނަރސް ވޮ...

30 Sep 2021 | 05:34

އިސްރަށްވެހިންގެ ދުވަސް ހުޅުމާލޭގައި ފާހަގަ ކުރުމަށް ނިންމާ، ގިނަ ހަރަކާތްތަކެއް ރާވަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި ދުވަސް ފާހަގަކުރަނީ އެ ކުންފުންޏާއި ކޮމިއުނިޓީ ނަރސް ވޮލެންޓިއަރސް އަދި ދިރާގު ގުޅިގެން ކަމަށެވެ.

އެޗްޑީސީން ބުނީ މި ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކަމަށާއި އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާއެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ރާވަމުން އަންނަކަމަށެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާއި ހަކުރު އަދި ލޭގެ ޕްރެޝަރ ބަލައިލެވޭނެ އިންތިޒާމު ވެސް އެ ދުވަހުގެ ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

"މި އަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އާ ގުޅުވައިގެން ދިރާގުގެ ފަރާތުން ވެސް ގިނަ ޚިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ. މީގެ އެންމެ ބޮޑު އެއްބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރިކުރުވާ، މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުން. އަދި ހޭލުންތެރިކަން އިތުރު ކުރުން." ކަމަށް އެޗްޑީސީން ބުންޏެވެ.

އިސްރަށްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ހެނދުނު 06:30 އިން 08:30 އަށް ރުއްގަނޑު 1 ސަރަހައްދުގަ އެވެ.

އެޗްޑީސީން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރޭވިފައިވާ އެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ މީހުންނާ، ގްރޫޕްތައް ރަޖިސްޓަރވުމަށް 7924392 އަށް ގުޅުމަށް އެދޭ ކަމަށެވެ.

މި ދުވަސް މިފަހަރު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ އިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޖްތަމައުއަށާއި ޚާއްސަކޮށް އިސްރަށްވެހިންނަށް ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ވަނީ ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް