ނ. ވެލިދޫ އާއި އދ. މަހިބަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ދެރަށް މޮނިޓަރިންއަށް ލާފައިވަނީ މިއަދު އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މަހިބަދޫ އާއި ވެލިދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ދެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ވެލިދޫ އާއި މަހިބަދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ވެލިދޫ ސިއްހީ މަރުކަޒުން ބުނީ އެ ރަށުގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި12 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި ހަތް މީހުންނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮސިޓިވްވި ތިން މީހުންގެ އިތުރުން ކަރަންޓީންގައި ތިބި ދެ މީހެކެވެ.
މަހިބަދޫގެ އެންމެ ފަހުގެ ކޯވިޑް މައުލޫމާތު އެ ރަށުގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ.
އެންމެ ފަހުން އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނައީ ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ އެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި 15 ރަށެއް އެބަ އޮތެވެ.
އޭގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މަހެއް ވެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ކ. ގާފަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް