ބަންގްލަދޭޝްގައި އުޅޭ ރޮހިންޖާ ރެފިއުޖީންގެ ލީޑަރު ގަޔަށް ބަޑިޖަހާ މަރާލައިފި

ބަންގްލަދޭޝްގައި ދިރިއުޅޭ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ ލީޑަރު މުހީބުﷲ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ. 2017 ވަނަ އަހަރު މުސްލިމުންގެ ނަސްލު ނައްތާލުމަށް މިއަންމާ އަސްކަރިއްޔާއިން ރޮހ...

30 Sep 2021 | 04:24

ބަންގްލަދޭޝްގައި ދިރިއުޅޭ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ ލީޑަރު މުހީބުﷲ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

2017 ވަނަ އަހަރު މުސްލިމުންގެ ނަސްލު ނައްތާލުމަށް މިއަންމާ އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލްއާންމުގައި އެތައް ލައްކަ ބަޔަކު މަރާލާފައިވާއިރު އެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތައް ލައްކަ ބަޔަކު ވަނީ ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝްއަށް އެތެރެވެފަ އެވެ. އެގޮތުން 730،000 މީހުން މިހާރުވެސް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި އެބަތި ކަމަށްވެ އެވެ.

އެމީހުންގެ ހައްގުތަކަށް ވަކާލުތާކުރާ ގްރޫޕެއް އޭގެ ތެރެއިން އުފެދިފައިވާއިރު އެ ގްރޫޕުގެ ލީޑަރަކީ މުހީބުﷲ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރާލީ އިއްޔެ އޮރުއޮއްސޭރު ނަމާދުކޮށްގެން ރެފިއުޖީން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އޮފީސް ކައިރީ އެހެން އިސްވެރިންނާއި ވާހަކަދައްކަން ހުއްޓައެވެ.

އުމުރުން 40 ގެ ފަހު އަހަރުތައް ގުނަމުންދާ މުހީބުއްﷲ ގަޔަށް ބަޑި ޖެހީ އެކަނި ބަޑިއެއް ހިފައިގެން އެތަނަށް ދިޔަ މީހެއް ކަމަށްވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާ އާއި ގުޅިގެން ރެފިއުޖީ ކޭމްޕުގެ އެހެން އިސް ލީޑަރުން ވަނީ ފިލާފަ އެވެ. އެއީ އެމީހުންނަށް މަރުގެ އިންޒާރު ލިބެން ފެށުމުންނެވެ.

މުހީބުﷲގެ މަރާއި ގުޅިގެން ބަންގްލަދޭޝް ފުލުހުން އަދި އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.

އދ. ގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އާއި އެމްނެސްޓީ އިންޓަނޭޝަލުން ވަނީ މުހީބުﷲގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ރެފިއުޖީ ކޭމްޕުތަކުގައި ބޮޑު މައްސަލަގަނޑެއް އުފެދުމުގެ ފެށުމަށް ވެދާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް