ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަން ކޮށްފި އެވެ.
ފާރިސް ޖަލަށް ލާފައިވަނީ ހަތަރު މަހާއި 10 ދުވަހަށެވެ. ވެރިކަން ކުރާ ޕީޕިއެމްގެ ދިދަ ގަވައިދާ ހިލާފަށް ބޭނުން ކުރި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލީ ޝަހްސު އޮޅުވާލުމުގެ ދައުވާއެވެ.
ހައިކޯޓުން ކަފާލާތުގެ ދަށުން އޭނާ މިނިވަން ކޮށްދިނީ 40،000 ރުފޔާގެ ޑިޕޮސިޓެއް ބެހެއްޓުމުންނެވެ. އޭނާ މިނިވަން ކޮށްފައިވަނީ އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމެންދެން ދޫކޮށްދިނުމަށް ހައިކޯޓުގައި އެދުމުންނެވެ.
ފާރިސް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ހެނދުނު ފަށާފައިވާއިރު، އެ މައްސަލަ މި ހަފުތާގައި ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ބެންޗުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު ވެސް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ފާރިސް މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް އުފުލާފައި އެވެ. އެއީ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް