އިންތހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލެޓް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުސޫލާއި ހަމައިން ބޭރުން ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން މުރާޖާ ކުރުމާ އެކު ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ނަމުގައި ކަންކަން ކުރުމުގެ ގާނޫނީ ހަމައެއް މި ސަރުކާރަށް މިހާރު ލިބިގެން ނުވާ ކަމަށެވެ. އެކަމަކު ފްލެޓް ދިނުން ފަދަ ކަންކަން ކުރާނަމަ އެއަށް ބޭނުންވެފައިތިބި ރައްޔިތުން އެ ހިދުމަތް ލިބިގަންނަން ދާނެކަން ގަބޫލުކުރެވޭ ކަމަށާއި، އެހެން ނަމަވެސް ގާނޫނާއި އުސޫލުތަކުން ބޭރުން މި ސަރުކާރުން ކުރާ ކަންކަން އެބޭފުޅުންގެ ވެރިކަމެއްގައި އަލުން ބެލުމަށްފަހު އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ އާ ސަރުކާރުގައި ފްލެޓާއި ގޯތި ދޫކުރާނީ އެކަމަށް އެންމެ ބޭނުންވާ މީހުން ބަލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ދޫކުރި އެއްވެސް ފްލެޓެއް ނެތް ކަމަށާއި، މިހާތަނަށް މި ސަރުކާރުން ދޫކޮށްފައިވަނީ އެމްޑިޕީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ކަމަށެވެ.
"އެބޭފުޅުން އަޅުއްވާފައިހުރި ފްލެޓެއް ނެތް. އެބޭފުޅުން ކުރީގެ ސިއްރު ލިސްޓަށް ވެސް ބެއްސެވީ ހަމަ ކުރީގަ އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް. އެހެންވީމަ ފްލެޓެއް ނެތި އަނެއްހެން ލޮނުގަނޑެއް އެ ބައްސަވަމުންގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހައުސިން މިނިސްޓްރީން ބުނީ އޭރު 18،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް