ދައުލަތުން ބަދަލު ދޭންޖެހިދާނެތީ ޓާޓާ އާއެކު އާ އެއްބަސްވުމެއް ހަދަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޯލަރު ދޭންޖެހިދާނެތީ އަލުން އެ ކުންފު...

30 Sep 2018 | 10:46

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޯލަރު ދޭންޖެހިދާނެތީ އަލުން އެ ކުންފުންޏާއި އެކު އެއްބަސް ވުމެއް ހަދަން ނިންމައިފި އެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޖެހެ އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.

އެކަމަކު އެ  މަސައްކަތް ފަށަން ދީފައިވާ މުއްދަތުގައި ނުފަށާ ކަމަށްބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އެކަމަކު މިއަދު ހައުސިން މިނިސްޓަރުގެ ނައިބު އިބްރާހިމް ނަޒީމް މީޑިއާގައި ވިދާޅުވެފައިވަނީ އެއްބަސްވުން ބާތިލު ކުރަން ޖެހުނީ އޯޑިއޯން އާއި ނާދީ ހުރި ބިން ބަދަލުކުރަން ހުށަހެޅުމުން އެކަން ގަބޫލުނުކުރުމުން ކަމަށެވެ.

މި މައްސަލައިގަ ޓާޓާއިން ވަނީ ދިވެހި ސަރުކާރާއި ދެކޮޅަށް އިންޑިއާގެ މުމްބާއީގައި އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި އެވެ. އަލުން އެ ކުންފުންޏާއި އެކު އެއްބަސްވުމަކަށް އަންނަން ސަރުކާރުން ނިންމީ އެ ކުންފުނީގެ ކޮޅަށް މައްސަލަ ނިމި ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 200 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހިދާނެތީ އެވެ.

އެ ކުންފުންޏާއި އެކު އާ އެއްބަސްވުމެއް ހަދަން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރުން ބޭނުން ވުމުންނެވެ. އަލަށް ހަދާ އެއްބައްވުމުގެ ދަށުން އޯޑިއޯންގެ ބަދަލުގައި ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމަކާއި ނާދީ ހުރި ބިން އަދި ރިސޯޓު ހަދަން ރަށެއް ދޫކުރާނެ އެވެ.

އަލަށް ހަދާފައިވާ އެއްބަސްވުމުގައި ވެސް، އެ ކުންފުނިން ހަދާ ތަންތަނުން ސަރުކާރަށް ވަކި މިންވަރަކަށް އެޕާޓްމަންޓް ދޭން ޖެހެ އެވެ.

ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ބުނެފައި ވަނީ ފްލެޓް އަޅަން އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ.

މި ފަހުން ދިވެހި ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ދެ އާބިޓްރޭޝަނެއް ނާކާމިޔާބުވެ، ބޮޑު އަދަދެއްގެ ބަދަލު ދޭން ޖެހިފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ވީ އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރާއި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން މެލޭޝިއާގެ ނެކްސްބިޒާ އެކު ވީ އެއްބަސްވުން އުވާލުމުން ދޭން ޖެހުނު 15 މިލިއަން ޑޮލަރުގެ މައްސަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް