ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަނަކަށް ސީވީޑް ލަތީފުގެ ނަން ފޮނުވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމި...

30 Sep 2018 | 10:13

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވައިފި އެވެ.

އަހުމަދު ލަތީފް އަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބޭފުޅެވެ. އަދި އޭނާ އަކީ އޮލިމްޕިކްސް ކޮމިޓީގެ ނައިބު ރައީސް އެވެ. އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ފަރާތުން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ހިމެނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑީޖީޓީގެ މަގާމަށް ވީހާ ވެސް އަވަހަކަށް ލަތީފް އައްޔަން ކުރުމަށާއި އޭނާ މަސައްކަތް ކުރާނެ އޮފީހާއި އިންތިޒާމް ހަމަޖެއްސުމަށް ސީއެސްސީއަށް ގޮވާލައްވާ ކަމަށެވެ.

ގާނޫނު ނަންބަރު 5/2010 "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ސިޔަސީ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ސީއެސްސީއިން މިއަދު ވަނީ ޕާމެނެންޓް ސެކްރެޓަރީންއާ އެކު މަޝްވަރާކޮށްފަ އެވެ. އަދި އިތުރު މުވައްޒަފުން މި މަރުހަލާގެ ތެރޭގައި ނުނެގުމަށް ވެސް ސީއެސްސީއިން މިހާރު ވަނީ އޮފީސްތަކަށް އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް