އާ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް އެޕޯލޯއަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފި

އިންތިހާބީ ސަރުކާރުން ވެރިކަމާއި ހަވާލުވުމާއި އެކު އައިޖީއެމްއެޗުގެ ބައެއްގެ ގޮތުގައި އިމާރާތް ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ހަވާލު ކުރަން އުޅޭ ކަމުގެ ތު...

30 Sep 2018 | 03:14

އިންތިހާބީ ސަރުކާރުން ވެރިކަމާއި ހަވާލުވުމާއި އެކު އައިޖީއެމްއެޗުގެ ބައެއްގެ ގޮތުގައި އިމާރާތް ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ހަވާލު ކުރަން އުޅޭ ކަމުގެ ތުހުމަތުކޮށްފި އެވެ.

އެކަން ހާމަ ކޮށްފައިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް އެވެ.

ހަލީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ އެޕޯލޯއަށް ދިނުމާއި ގުޅޭގޮތުން އިންތިހާބީ ސަރުކާރުން މިހާރު މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެތަން އެ ކުންފުންޏަށް ކުއްޔަށް ދޭން އުޅެނީ ވަރަށް ދިގު މުއްދަތަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/abkhaleel/status/1046049288776830980

މިކަމާ ގުޅޭގޮތުން އިދިކޮޅު ކޮޅިޝަނުން އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު އެމްޑިޕީގެ ވެރިކަމުގައި މީގެ ކުރިން ވަނީ އައިޖީއެމްއެޗުގެ ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައި އެވެ. އެކަމަކު އެ އެއްބަސްވުމާއި އެއްގޮތަށް ހޮސްޕިޓަލް އެކަށީގެންވާ ގޮތަށް ކުރިޔަށް ގެންދެވިފަ އެއް ނުވެ އެވެ.

އަދި މިސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިންޑިއާގެ ނިމްސް ކުންފުންޏާއި ހަވާލުކުރި އެވެ. އެކަމަކު ކުންފުނިތެރޭގައި ޖެހުނު މައްސަލަގަނޑެއްގައި ހޮސްޕިޓަލުގެ ހިންގުން ބޮއްސުންލައި ބައެއް ޑޮކްޓަރުން ނެތި އެތައް ދުވަހެއް ވާން ފެށުމުން ސަރުކާރުން ވަނީ އަލުން އެ ހޮސްޕިޓަލާއި ހަވާލުވެފައި އެވެ.

މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމް ކޮށްފައިވާ ކެންސަރު ޑިޕާޓްމެންޓު ހިންގަނީ އިންޑިއާގެ އަމްރީތާޕާ ހޮސްޕިޓަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް