އަލިފުށި ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ އެ ސްކޫލްގައި ބާއްވައިފިއެވެ.
އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތާހާ ސަލީމެވެ.
މިދިޔަ އަހަރު ސެކަންޑްރީ ގްރޭޑުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރީޝާން ހޮވާފައިވާ އިރު، ހަޔަރ ސެކަންޑްރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވާފައިވަނީ އާއިޝަތު ހަނީފާ އެވެ.
އިތުރު ހަރަކާތްތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވާފައި ވަނީ އާދަމް މަންސޫރެވެ.
ރޭގެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައަކުން ނުވަ ވަނަ ހާސިލްކުރި މަރިޔަމް ނާޝިޔާ އަށާއި، ހަތަރު ވަނަ ހާސިލްކުރި އަހުމަދު ރީޝާން އަށް އިނާމް ދީފައެވެ.
އަހަރީ އިނާމު ދިނުމުގެ މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު 94 ދަރިވަރަކަށް 182 އިނާމު ދީފައިވެއެވެ.
އެގޮތުން އޭލެވެލް އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދިހަ ދަރިވަރުންނާއި، ސެކަންޑްރީ އަދި ޕްރައިމަރީ ގްރޭޑްތަކުން އެންމެ މޮޅު ދިހަ ދަރިވަރުންވެސް މި ޖަލްސާގައި ވަނީ ހޮވާފައެވެ.
ރޭގެ ޖަލްސާގައި ވަނީ އަލިފުށީ ސްކޫލްގެ ދަރިވަރުންގެ ހާޒިރީ ބެލުމަށް ހާއްސަ އެންރޮއިޑް އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ.
މިއެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތާހާ ސަލީމެވެ.
އަލިފުށީ ސްކޫލުން މައުލޫމާތުދެއްވި ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ފަސޭހަކަމާއި އެކު ބެލެހެއްޓޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް