ސަރުކާރުގެ ދެ އޮފިޝަލަކު ފިޔާޒަށް ހަމަލާދޭން އުޅުނުކަމަށްބުނެ އެކަން އެމްޑީޕީން ކުށްވެރިކޮށްފި

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސެއިން ފިޔާޒް މުސާއަށް 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ސަރުކާރުގެ ދެ އޮފިޝަލަކު ހަމަލާދޭން އުޅެފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލައި ފިޔަވަ...

30 Sep 2015 | 11:13

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސެއިން ފިޔާޒް މުސާއަށް 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ސަރުކާރުގެ ދެ އޮފިޝަލަކު ހަމަލާދޭން އުޅެފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ނުވާތީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ޓީވީ ގެ ސީ.އޯ.އޯ ޙުސެން ފިޔާޒް މޫސާ އަށް ސަރުކާރުގެ ދެ އޮފިޝަލަކު ރުޅިވެރިކަމާއެކު އަތް އިސްކޮށް ޙަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ “ފިނިފެންމާ” ލޯންޗްގައި ހިނގި ޙާދިސާގައި ޒަޙަމްވި ފަރާތްތައް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ވަގުތު އެތަން ކަވަރުކުރެއްވުމަށް ޙުސެން ފިޔާޒް މޫސާ މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

"ރާއްޖެ ޓީވީއަށާއި އެތަނުގެ މަސައްކަތްކުރާ ފަރާތްތަކަށް މީގެ ކުރިންވެސް ވަނީ ރާވައިގެން ތަކުރާރުކޮށް ވަރަށް ނުރައްކާތެރި ހަމަލާތައްދީ، ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ކުރިމަތިކުރުވައިފައިކަން ފާހަގަކުރަމު، ނަމަވެސް މިއަދާއި ހަމަޔަށް މިމައްސަލަތަކުގެ ފުރިހަމަ ތަޙްޤީގެއް ހިންގައި ޝަރީއަތެއް ކުރެވިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމު" އެމްޑީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަން މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ތަންތަނަށް ތަކުރާރުކޮށް ބޮޑެތި ޙަމަލާތައްދީ ބިރުދައްކަމުންދިއުމުގެ ސަބަބުން ރާއްޖޭގައި މިނިވަންކަމާއިއެކު މީޑިއާތަކުން މަސައްކަތްކުރުމަށް ބޮޑު ގޮންޖެހުމަކަށް ވެފައި ވާކަމަށެވެ.  އަދި މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ވެސް ރާއްޖެއާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތަކުގެ ފުރިހަމަ ތަޙްގީޤް ހިންގައި ވަގުތުން ފިޔަވަޅު އެޅުމަށާއި މިނިވަންކަމާއެކު މީޑިއާތަކުން މަސައްކަތްކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އެމްޑިޕީން އަނެއްކާ ވެސް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް