ސިޔާސީ ލީޑަރުންނަށް މައާފް ދިނުމުގައި ރައީސަށް ފަސޭހަވާނެ އިސްލާހެއް މަހްލޫފް ހުށަހަޅުއްވައިފި

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ސިޔާސީ ލީޑަރުންނަށް ފަސޭހައިން އަދަބު ލުއި ކުރެވޭނެ ނުވަތަ މައާފް ދެވޭނެ އިސްލާހެއް، މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ...

30 Sep 2015 | 10:55

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ސިޔާސީ ލީޑަރުންނަށް ފަސޭހައިން އަދަބު ލުއި ކުރެވޭނެ ނުވަތަ މައާފް ދެވޭނެ އިސްލާހެއް، މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހުށަހަޅުއްވައިފި އެވެ.

މަހްލޫފް ހުށަހެޅުއްވި އިސްލާހުގައި ހުށަހަޅާފައިވަނީ އެ ގާނޫނުގެ 29 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރ ކުރުމަށެވެ.

އެގޮތުން އެ މާއްދާއަށް (ރ) އަދި (ބ) އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު (ރ) ގައި ބުނެފައިވަނީ "އެމީހެއްގެ މައްޗަށް ސާބިތުވި ކުށް، ބަޔާންކޮށްފައިވާ ގާނޫނު ނުވަތަ އެކުށް ބަޔާންކުރާ މާއްދާ އުވި، އެހެން ނަމަވެސް ގާނޫނެއްގައި އެކަން ކަނޑައަޅާފައިވާނަމަ އެކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދިނުމާއި، އެ ކުށަށް މައާފް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ" ކަމަށެވެ.

29 ވަނަ މާއްދާއަށް ހުށަހަޅާފައިވާ (ބ) ގައި ބުނެފައިވަނީ "މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހުންނާއި، ވަޒީރުކަން ކޮށްފައިވާ މީހުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައިވާ މީހުން އެމީހުންގެ މަގާމުގައި ތިބެ ކޮށްފައިވާ ޖިނާއީ ކުށަކާ ގުޅިގެން ތަންފީޒު ކުރަމުންދާ އަދަބު ލުއިކޮށް ނުވަތަ އެ ކުށަކަށް މައާފް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ"ކަމަށެވެ.

މަހްލޫފް ވިދާޅުވެފައިވަނީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އެތައް ބައިވަރު ސިޔާސީ ލީޑަރުންނެއް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިއުމާއިގުޅިގެން، ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުގެ، ސިޔާސީގޮތުން ގައުމުވެއްޓިފައިވާ ދަނޑިވަޅުން ގައުމު ސަލާމަތްކޮށް،މި ގައުމު އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެއްވެސް ގެއްލުމެއް، ހުރަހެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ފިނިކުރުމަށް، ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ މިކަމަށް އތް އެއް ހައްލު ކަމަށް ވީ ހިނދު، މިހާރަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހްތިޔާރާއި ބާރު އިތުރު ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް