މާދަމައިން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު އަށަކުން މެންދުރު ދެއަކަށް ކަމަށް ރައީސް ނިންމެވުމާއި ގުޅިގެން ސްކޫލުތަކުން އަމަލު ކުރާނެ ގޮތް ހުރިހާ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިފި އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހްސިން މުހައްމަދު ސޮއިކުރައްވާ ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ ފެކްސް މެސެޖެއްގައި "މާދަމާ އިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަ ގަޑިއިރަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މިނިސްޓްރީގެ ދަށުގައިވާ ސްކޫލުތަކުން އަމަލުކުރަން" އެދި ކަންތައް ތަކެއް ބަޔާން ކޮށްފައި ވެ އެވެ.
އެ ގޮތުން މިހާރުވެސް ކިޔަވައިދެމުން ގެންދާ ޓައިމްޓޭބަލަށް ކިޔަވައިދެމުން ގެންދިއުމަށާއި، ދަންފަޅި ހަ ގަޑިއިރަށްވުރެ އިތުރުވާނަމަ، ފުރަތަމަ ހަފްތާގައި، ކިޔަވައިދިނުން މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމާއެކު މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރުންނާ މަޝްވަރާކޮށްގެން ޓައިމްޓޭބަލް އެޖެސްޓްކުރުމަށާއި އަދި އެޖެސްޓްކުރި ޓައިމްޓޭބަލަށް އޮކްޓޯބަރު އަށަކުން ފެށިގެން ކިޔަވައިދޭން ފެށުމަށް މިނިސްޓްރީން އެދިފައި ވެ އެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ ޓީޗަރުން ކިޔަވައިދިނުމުގެ މަސައްކަތް އިންތިޒާމް ކުރުމުގައި ހަ ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް މަސައްކަތް ހަމަޖެއްސުމަށެވެ. މިގޮތުން ދެ ދަންފަޅިއަށް މަސައްކަތްކުރާ ޓީޗަރެއްނަމަ ކިޔަވައިދިނުމުގައި ހޭދަކުރާ ވަގުތު ޖުމްލަ ހަ ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް ޓައިމްޓޭބަލް އެޖެސްޓް ކުރުމަށް އެދިފައި ވެ އެވެ.
ތިންވަނަ ކަމަކަށް އެދިފައިވަނީ ސްކޫލުގެ ދަންފަޅި ފެށެންވާއިރަށް ސްކޫލަށް ނުކުންނަނަންޖެހޭ އިދާރީ މުވައްޒަފުންގެ މަސައްކަތްވެސް ހަ ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށްއިންތިޒާމް ކުރުމަށް އެދޭ ކަމަށެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މަސައްކަތު ވަގުތުގައި 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ކޮންމެ މުވައްޒަފަކަށް ދޭން ވާނެ ކަމަށެވެ. އަދި ފަސް ވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މި ބަދަލުތައް ކަމާބެހޭ މުވައްޒަފުންނަށް އެންގުމެވެ.
ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8.00 ން މެންދުރުފަހު 2.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ، ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން، ޢާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރެއްވުމަށާއި، ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރުމަށް ފުރުޞަތު ދެއްވުމަށާއި، ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި، ތަޢުލީމު ޙާޞިލުކުރުމާއި، ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް