އިއްޔެއިން ފެށިގެން ހައްޖާޖީންނަށް ފްލޫ ކްލިނިކްތައް އަންނަނީ ހިންގަމުން: އެޗްޕީއޭ

ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށްފަހު ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު އިއްޔެއިން ފެށިގެން ރޯގާއަށް ފަރުވާކުރާ ކްލިނިކް (ފްލޫ ކްލިނިކް)ތަކެއް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހިންގ...

30 Sep 2015 | 09:24

ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށްފަހު ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު އިއްޔެއިން ފެށިގެން ރޯގާއަށް ފަރުވާކުރާ ކްލިނިކް (ފްލޫ ކްލިނިކް)ތަކެއް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހިންގަން ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިޥާ ބަޔާނެއްގައި ބުނފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރޯގާއަށް ފަރުވާ ކުރާ ކްލިނިކް (ފްލޫ ކްލިނިކް) ތަކެއް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހިންގާގޮތަށް ހަމަޖެހިފައި ވާކަމަށާއި މި ކްލިނިކްތަކުން، ހައްޖާޖީންގެ ތެރެއިން ހުންއައުން، ކެއްސުން، ނޭވާލުމަށް އުނދަގޫވުންފަދަ ނޭވާލާނިޒާމުގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށްވަނީ ހަމަޖެހިފައި ވާކަމަށެވެ. އަދި މި ކްލިނިކް ތަކުން ފަރުވާ ހޯއްދަވާ ފަރާތްތަކަށް ނަމްބަރު ނަގައިންގެން މަޑުކުރުމެއް ނެތި، ސީދާ ޑޮކްޓަރަށް ދައްކައިގެން އަވަހަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.

"މިގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ރެސްޕިރޭޓަރީ މެޑިސިން ކްލިނިކްގައި ހެނދުނު 9އިން ރޭގަނޑޫ 12އަށް (އައި.ޖީ.އެމް.އެޗް ގެ ގޭޓް ނަމްބަރު 3އިން ސީދާ ވަދެވޭގޮތަށް)، އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހެނދުނު 7:30 އިން ރޭގަނޑު 11:30އަށެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލް އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައިވެސް ފްލޫކްލިނިކްތައް ހުޅުވިފައި ހުންނާނެ، މިނޫން ގަޑިތަކުގައިވެސް މަތީގައިވާ އަލާމާތްތަކާއެކު ޑޮކްޓަރަށް ދަށްކަވަން ޖެހިއްޖެނަމަ، ހޮސްޕިޓަލްތަކުގެ ކައުންޓަރަށް އަލާމާތްތަކާއެކު ޙައްޖުން އެނބުރި ވަޑައިގަތް ފަރާތެއްކަން އަންގަވައި ދެއްވުމުން، ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ" އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހައްޖުން އެނބުރި ވަޑައިގަންނަވާ ފަރާތްތަކުން، ރޯގާޖެހި ކެއްސާނަމަ، ތިރީގައިވާ ގޮތަށް އަމަލު ކުރުމަށް ދަންނަވާ ކަމަށެވެ.

  • އެނބުރި ވަޑައިގެންއިރު އެއަރޕޯރޓުން ލިބިވަޑައިގަތް މާސްކްގެ ބޭނުން ކުރުން.
  • ގޭތެރޭގައި ކުޑަކުދިންނާއި އެހެނިހެން ބަލިމީހުންނާ ދުރުހެލިކޮށް އުޅުން.
  • ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ރަނގަޅަށް ނިވާ ކުރުން.
  • ނޭފަތް ފޮޅުމަށް ގެންގުޅޭ ޓިޝޫ ރައްކާތެރިކަމާއެކު އެއްލައިލުން.
  • ގިނަ ގިނައިން އަތް ދޮވުން، ޚާއްސަކޮށް ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާ ކުރުމަށްފަހު އަދި ނޭފަތް ފޮޅުމަށްފަހު.
  • މި އަލާމާތްތައް އިތުރަށް ގޯސްވާނަމަ ނުވަތަ މިއާއެކު ހުންއައިސް، ނޭވާ ކުރުވުން ފަދަ އަލާމާތެއް ހުރިނަމަ، ވީ އެންމެ އަވަހަކަށް ފްލޫ ކްލިނިކަކަށް ދެއްކުން.

މިކަމާބެހޭ އިތުރު މައުލޫމާތު، ރާއްޖެ ވަޑައިގަތުމުން އެރުވުނު މައުލޫމާތު ޕެކްގައި ހިމެނިފައިވާނޭ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅު ނަމަ 3006777 ހޮޓްލައިން ނަމްބަރުން ހެނދުނު ހަތަކުން ރޭގަނޑު 12އަށް ގުޅޭނެ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް