ރޭގެ ވަގުތެއްގައި މ. ކޮޅުފުށްޓަށް އުދަ އަރަން ފެށުމާއެކު މުޅި ރަށުގައި ރައްކާތެރިކަން ޤާއިމްކޮށް، ގޯތި ގެދޮރާއި އަސާސީ ޚިދުމަތްދޭ ތަންތަން ރައްކާތެރި ކުރުމަށް ކޮޅުފުށީ ރައްޔިތުން ކުރަމުންދިޔަ މަސައްކަތުގައި ކޮޅުފުށީގައި މަސައްކަތްކުރާ ފުލުހުން ޙަރަކާތްތެރި ވެއްޖެއެވެ.
ފުލުހުން ބުނީ ކޮޅުފުށްޓަށް އުދައިގެ އަސަރު ކުރަން ފަށާފައިވަނީ ރޭ ފަތިހު 02:15 ހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން 03:20 ހާއިރު ވަންދެން ރަށުގެ ބައެއް ސަރަޙައްދުތަކަށް އުދައަރަމުން ދިޔަކަމަށް ކޮޅުފުށި ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައިވާކަމަށާއި ކޮޅުފުށްޓަށް ރޭ އެރި އުދައިގެ އަސަރު ބައެއް ސަރަޙައްދުތަކުން ރަށުގެ އެއްގަމުން 500 ފޫޓާ ހަމައަށް ކޮށްފައި ވާކަމަށް ފުލުހުން ބުނެ އެވެ.
"ރޭ ކޮޅުފުށްޓަށް އުދައަރައި މީހުން ދިރިއުޅޭ ގޭގެއާއި ހިސާބަށް އުދައިގެ އަސަރު ކުރުމުގެކުރިން ކޮޅުފުށީ ރައްޔިތުންނާ ފުލުހުންނާ ކައުންސިލް ގުޅިގެން ކުރި މަސައްކަތުން ވަނީ ގޯތިގެދޮރަށް ގެއްލުންވިޔަނުދީ ވެލިބަސްތާ ޖަހައި ލޮނުގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަން ޤާއިމްކޮށްފައި، ކޮޅުފުށްޓަށް އުދަ އެރުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް މީހެއްގެ ގޯތި ގެދޮރަށް އަދި ކޮޅުފުށީގައި ހުރި އެއްވެސް އަސާސީ ޚިދުމަތްދޭ މުއައްސަސާގެ ޢިމާރާތަކަށް ލޮނުގެ އަސަރުކޮށް ގެއްލުން ލިބިފައެއް ނުވޭ" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ހިފި ހަނދުކޭތައާއި ގުޅިގެން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރުމާއެކު ކޮޅުފުށީގައި ވަނީ ފުލުހުންނާ ކައުންސިލާ ކޮޅުފުށީގައި ހުރި މުއައްސަސާތައް ގުޅިގެން ޚާއްޞަ ޓާސްކް ފޯސްއެއް އެކުލަވާލާފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށުތެރެ ބެލެހެއްޓުމަށް ވަކި ބަޔަކު ހަމަޖައްސައި ޑިއުޓީ އުޞުލުން އަބަދުވެސް ރަށުތެރެ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް