ރިޔާސީ ލޯންޗުކޮޅުގައި މިދިޔަ ހޯމަ ދުވަހު ހިނގި ހާދިސާ އަކީ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމުގައި ބެލެވޭ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ އެސޯސިއޭޓެޑް ޕްރެސް(އޭޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ކަމަށް ޔޫއެސް ނިއުސް ނޫހުގައި ބުނެފައި ވެ އެވެ.
ހަމަލާގެ ފަހަތުގައި ވަނީ ކޮން ފަރާތެއްކަން އަދި ނޭންގޭ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އަދި މިކަމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
"އެއްވެސް ފަރާތަކަށް މާ ބޮޑު އަނިޔާ ނުލިބި ސަލާމަތްވުމީ، މީހެއްގެ ފުރާނަ ނުގެއްލުމީ ވަރަށް ބޮޑު ނަސީބެއް" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ދުންޔާ ވިދާޅުވެފައިވަނީ އެ ހަމަލާ އަކީ ސިޔާސީ ގޮތުން ނުވަތަ ދީނީ ގޮތުން ދިން ހަމަލާއެއްކަން ބުނަން އަދި ދަތި ކަމަށެވެ.
"އަދި ވަކި އެއްޗެއް ބުނަން އުނދަގޫ، މާ ބޮޑު މައުލޫމާތެއް ނެތި ވަކި ގޮތަކަށް ނިންމަން އުނދަގޫ" ދުންޔާ ވިދާޅުވެފައި ވެ އެވެ.
ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވެސް ވަނީ މި މޭރުމުން ބައިނަލްއަގްވާމީ މީޑިއާއަށް މައުލޫމާތު ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް