ރިޔާސީ ލޯންޗުކޮޅުގައި ހޯމަދުވަހު ހެނދުނު ހިނގި ހާދިސާއަކީ ސީދާ ރައީސަށް ދިން ހަމަލާއެއްކަމުގައި ބެލެވޭކަމަށް ބުނެ މި މައްސަލަ ތަހުގީގު ކުރުމުގައި ރާއްޖެއިން އެމެރިކާގެ އެހީއަށް އެދިފައި ވާކަމަށް އެމެރިކާގެ ނޫހަކުން ބުނެފި އެވެ.
"ބްލޫމްބާގް ވިއު" އަށް ދީފައިވާ އިންޓަވިއުއެއްގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވިދާޅުވެފައިވަނީ ކަމުގެ ތަހުގީގު ފަށާފައިވާއިރު "ހަމަލާ"ގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން އުފުލާފައި ނުވާ ކަމަށެވެ. ގަބޫލުފުޅު ކުރައްވާގޮތުގައި ހަމަލާއަކީ ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ގޮތަކަށް ރައީސަށް ހަމަލާ އަމާޒުވި މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ނަސީރު ވިދާޅުވެފައި ވެ އެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގައި ހުންނެވި އަލީ ނަސީރު ވިދާޅުވީ އިރާގާއި ސީރިޔާއަށް ހަނގުރާމަކުރުމަށް ރާއްޖެ ދޫކޮށް ދާ މީހުން އަތުލައިގަތުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 40 މީހަކު އަނބުރާ ގެނެވިފައި ވާކަމަށެވެ.
"އެއީ އެންމެ ބޮޑު ނުރައްކަލަކީ، އެއީ އެންމެ ބޮޑު ބިރަކީވެސް" ހަނގުރާމައަށް ދިވެހިން ދިއުމާއިމެދު އަލީ ނަސީރު ވިދާޅުވެފައި ވެ އެވެ.
ރައީސް ޔާމީން އަށާއި އެމަނުކުފާނުގެ ނައިބު އަހުމަދު އަދީބުއަށް ހަމަލާ ދޭނެ ކަމަށްބުނެ ޔޫޓިއުބްގައި ވީޑިއޯއެއް އާންމުކޮށްފައިވާއިރު އަލީ ނަސީރު ވިދާޅުވީ މި ހަމަލާދީފައިވަނީ ޓެރަރިސްޓް ގްރޫޕަކުންނޭ ބުނާނެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ. ސަރުކާރުން އެކަން ބަލަމުން އަންނަ ކަމަށެވެ.
"ދެކުނު އޭސިއާގެ ޓެރަރިސްޓް ގްރޫޕްތަކުން ރާއްޖޭގެ ވަކި ފަރުދުންނަށް އެބަ އަސަރު ފޯރުވާ، ދިވެހިން އެ ގްރޫޕްތަކަށް "ރެކްރޫޓް" އެބަކުރޭ، ބޮޑަށް މިކަން މި ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް" ނަސީރު ވިދާޅުވެފައި ވެ އެވެ.
ނަސީރު ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް "މިފަދަ ކަންކަމުގައި" ދިމާވާ ގޮންޖެހުންތައް ބޮޑު ކަމަށާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ނަސީރު އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ދާ މީހުން ހޯދައިގަތުމަށް ސަލާމަތީ ބާރުތަކަށް އިތުރު "ޓޫލްސް" ފޯރުކޮށްދިނުން ނޫންގޮތެއް މިހާރު ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް