މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހައްޖުވެރީންގެ ތެރެއިން އުމުރުން ދުވަސްވީ ފަލަސްތީނުގެ އަންހެން ހައްޖުވެރިއަކަށް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއާއި ދިމާވީ 70 އަހަރުފަހުން ކަމަށް މައްކާ ޑެއިލީން ރިޕޯޓްކޮށްފި އެވެ.
މައްކާޑެއިލީއަށް ދީފައިވާ އިންޓަވިއުއެއްގައި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ފާތިމާ އަލް-ހާދު ބުނެފައިވަނީ އޭނައާއި އޭނަގެ ބޭބެ ވަކިވެފައިވަނީ މީގެ 70 އަހަރު ކުރިން ކަމަށާއި ބޭބެއާއި ބޭބެގެ އާއިލާ މެމްބަރުންނާ ބައްދަލުކުރައްވާތޯ މާތް ﷲގެ ހަޒްރަތުގައި އަބަދުވެސް ދުޢާ ދަންނަވާ ކަމަށެވެ. އަދި އެންމެފަހު މި ދުޢާ އިޖާބަ ކުރެއްވީ އެންމެ މާތް ބިމުގައި ކަމުން އުފަލުން ފޮޅިފައިވާކަމަށް ފާތިމާ ވަނީ ބުނެފަ އެވެ.
ފާތިމާއަށް ވަނީ އޭނާގެ ބޭބެއާއި ބޭބެގެ އަންހެނުންނާއި ބޭބެގެ ބައެއް ދަރީންނާވެސް މައްކާއިން ބައްދަލުވާގޮތް ވެފަ އެވެ.
ފާތިމާއަށް އުފާވެރިކަން ލިބިފައިވާއިރު ހައްޖުގެ އަޅުކަން ނިންމާލާފައި އެނބުރި ގައުމަށްދާ ފަލަސްތީނުގެ ހައްޖުވެރިން ބުނަމުން އަންނަނީ މަބްރޫރު ހައްޖެއް މިންވަރު ކުރެއްވީތީ އުފާކުރާ ކަމަށާއި އަދި ހައްޖުގެ އަޅުކަން ކުރިއަށްދިޔަ ދިމާވީ ހާދިސާތަކުން ސަލާމަތް ކުރެއްވީތީ އެކަމާވެސް އުފާ ކުރާ ކަމަށެވެ.
ފަލަސްތީނު ހައްޖުވެރިއެއް ކަމަށްވާ އަލް ހުސްނީ ބުނެފައިވަނީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖުން ހައްޖުވެރިންނަށް ހިދުމަތް ކޮށްދިނުމުގައި އަދާކޮށްފައިވަނީ ޝުކުރު ހައްގު ރޯލެއް ކަމަށާއި ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށް ނިންމާލުމަށްފަހު އާއިލާ ގާތަށް އެނބުރި ދެވޭތީ ހުރީ ވަރަށް އުފަލުން ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މުސްލިމުން ވަނީ އަދާކޮށްފަ އެވެ. ސައުދީ އިން ހަ ލައްކައަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް