ރޭގައި މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނުކޮށްގެން އުޅުނު ފިރިހެން މީހާ މިހާރު އޮތީ އައިޖީއެމް ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނެފައިވަނީ އެ ފިރިހެން މީހާއަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލުމުން ހައްޔަރުކުރި ކަމަށާއި ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ. އަދި އޭނާގެ ހާލަތު އިތުރަށް ބެލުމަށްޓަކައި މިވަގުތު އޮތީ އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ރޭގައި ބުނެފައިވަނީ ރަހީނުކޮށް ބަންދުކޮށްފައި ހުރި އަންހެން މީހާއަށް އެގޭތެރޭގައި އެ ފިރިހެން މީހާ އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކުރި ކަމަށާއި އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އަންހެން މީހާ މަރާލާނެ ކަމަށްބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރުދިން ކަމަށެވެ.
"އަނެއްކާވެސް އަންހެންމީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައި ދުއްވާފައި ދިޔަ" ފުލުހުން ރޭގައި ބުނެފައިވެއެވެ.
އެހެންކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށް ބާރުގެ ބޭނުންކޮށް އަންހެން މީހާ ފިރިހެން މީހާގެ ކިބައިން ސަލާމަތް ކުރެވުނު ކަމަށްވެސް ރޭގައި ފުލުހުން ބުނެފައިވެއެވެ.
އެ އަންހެން މީހާވެސް ރޭގައި ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އަންހެން މީހާގެ ކަރުގައި ވަޅި ނޭޅޭ ކަމަށާއި ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ރޭގައި ބުނެފައިވެއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ހެޕީ ލޭންޑު، އަހްމަދު އަތުހަރެވެ. އޭނާއަކީ ޖަލު ހުކުމެއްގައި ހުއްޓާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މައާފުދިނުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް