ތިމާގެ އަމިއްލަ ނުވަތަ ގާތްތިމާގެ މީހެއްގެ ބޭސްފަރުވާއަށް އާސަންދަ ނިޒާމުގެ ތެރެއިން ބޭނުންވާ ހިދުމްތައް ހޯދުމަށް ސަލާންޖެހުން ހުއްޓާލުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެކަން ކުރާނެ ކަމަށް މި ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުންގެ ރިޔާސީ ކެމްޕޭނުގައި ރ. އުނގޫފާރަށް ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައި ކެންޑިޑޭޓު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށްޓެވި އާސަންދަ ނިޒާމުގެ ދަށުން ހިދުމަތް ހޯދުމަށް ސަރުކާރުގެ ވެރިންނާއި ސިޔާސީ ބޮޑެތިންގެ ކައިރިން ސަލާންޖެހުން މި ސަރުކާރުން ލާޒިމްކޮށްފައިވާ ކަމަށެވެ.
"އަމިއްލަ ނަފްސަށް އަމިއްލަ އާއިލާއަށް ބޭސްކުރާކަށް ނުޖެހޭނެ މީހުންނަށް ސަލާން ޖަހާކަށް، އެ ނިޒާމު އެގޮތަށް ބައްޓަން ކުރުމަކީ ސަރުކާރުގެ ޒިންމާ، އަޅުގަނޑުމެން ސަރުކާރަށް އަންނަން މިއުޅެނީ މި ކަންތައްތައް ކޮށްދިނުމަށް" އިލްޔާސް ވިދާޅުވިއެވެ.
ނަމަވެސް، އަމިއްލަ ނަފްސާއި އަމިއްލަ އާއިލާގެ މީހުންނަށް ބޭސްފަރުވާކުރުމަށް އާސަންދަ ހޯދަން ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި ޑިމޮކްރެޓުން މި އަންނަނީ އެކަމަށް ނިމުމެއް ގެނައުމަށް ކަމަށް އިލްޔާސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެ ނިޒާމު އެގޮތަށް ބައްޓަން ކުރުމަކީ ސަރުކާރެއްގެ ޒިންމާ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރަން، އަޅުގަނޑުގެ ސަރުކާރެއްގަ އާސަންދައަށް ސަލާންޖެހުމެއް ނޯންނާނެ، އެއީ ތިބޭފުޅުން އަބުރުވެރި ހަޔާތެއް ބިނާކުރުމުގައި އެންމެ މުހިންމު ކަންތައް"
އިލްޔާސް ވަނީ ޑިމޮކްރެޓުންގެ ވެރިކަމެއްގައި އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކޮށް، ހަމައެކަނި އާ އިމާރާތެއް އެޅުމުގެ ބަދަލުގައި ރައްޔިތުން އިތުބާރުކުރާ ޑޮކްޓަރުން ތިބޭ އަދި ހިދުމަތް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް