ރިޔާސީ ކެނޑިޑޭޓަކަށް ވިޔަސް ނުވިޔަސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ނަމާދަށް ފަރުވާތެރިވާ ކަމަށް ޝެއިޚް ހަސަން ފިކްރީ ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވީ، މުއިއްޒު އިމާމުވެ ނަމާދު ކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމުން އެކަމަށް އިދިކޮޅާއި އެއްކޮޅު ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ފިކްރީ ވިދާޅުވީ، ނަމާދަށް ރައްކާތެރި ނުވާ މީހެއް މީސްތަކުންގެ ހައްގުތަކަށްވެސް ރައްކާތެރި ނުވާނެ ކަމަށެވެ.
"ރިޔާސީ ކެނޑިޑޭޓަކަށް ވިޔަސް ނުވިޔަސް މުއިއްޒުއަކީ އަބަދުވެސް ނަމާދަށް ރައްކާތެރި ވެލައްވާ ބޭފުޅެއް ކަމުގައި މުއިއްޒު ދަންނަ އެންމެން ހެކިވޭ" ފިކްރީ ވިދާޅުވިއެވެ.
މުއިއްޒު އިމާމުވެ ނަމާދު ކުރައްވާ ފޮޓޯ އާއްމުވުމާ ގުޅިގެން ޑރ މުހައްމަދު އިޒާޔު އަބްދުއްލަތީފް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބަކީ އިމާމުވެ ނަމާދުކުރަނީ ކާކުތޯ ބަލަން ބާއްވާ އިންތިހާބެއް ނޫން ކަމަށެވެ.
އިޔާޒު ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށާއި،އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުމުގެ ހުންގާނު ހަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިހާބެއް ކަމަށެވެ.
“ނަމާދުގެ އިމާމްގެ ކިބައިގާ ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް. ޤައުމުގެ ހުންގާނު ޙަވާލުކުރަންވާނީ ތިމާ އާއި ޚިޔާލުތަފާތުވާ މީހުންވެސް އެކަހެރިނުކޮށް ގޮވައިގެން އުޅެން ދަންނަފަދަ ބޭފުޅަކު” އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިޔާޒު ވިދާޅުވީ އެކަމަށް ބަލާއިރު ވެރިކަމަށް އެންމެ ޤާބިލް ބޭފުޅެއްކަމުގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
‘އިބޫ ނޫން ގޮތެއް ނެތް’ ކަމަށް ވިދާޅުވެ އިޔާޒު އާއްމުކުރި ފޮޓޯއެއްގައި ވަނީ، ރައީސް ސޯލިހަކީ އިދިކޮޅަށް ވާހަކަ ދައްކާ އިލްމުވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ އަޑު ވަކިވަކިން އައްސަވާ ރައީސެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް