މި އިގްތިސޯދު ނަގާ ކޮޅަށް ޖަހަން އަޅުގަނޑުމެންނަށް އެނގޭ: މުއިއްޒު

ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖަހަން އެނގޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ...

30 Aug 2023 | 05:46

ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖަހަން އެނގޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، އިންތިހާބު ބޯމަތިވެއްޖެ ކަމަށާއި ބާކީ 10 ދުވަސް އޮތް އިރު، އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ދުވާފަރުން ފުރިހަމަ ނަތީޖާ ނެރެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދެވަނަ ވިސްނުމަކަށް ދާންޖެހޭ މާ ބޮޑު ސަބަބެއް ނެތް ކަމަށް ރައްޔިތުން ވިދާޅުވާ ކަމަށާއި، ރައްޔިތުންގެ ކުރިމަތީގައި އޮތީ ނަތީޖާ ނެރެދިން ބަޔަކާވެރިކަން ހަވާލު ކުރުމާއި ނަތީޖާ ނުނެރެވިގެން އުޅޭ ބަޔަކާ އަނެއްކާވެސް ހަވާލު ކުރުމާ ދެ ޗޮއިސް ކަމަށް ރައްޔިތުން ބުނާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެ ހުންނެވީ ރައްޔިތުން ބޭނުންވާ ކަންކަމުގައި މުޅި ގައުމުގެ ރައްޔިތުން އެދެމުން، ގޮވަމުންދާ އެތައް ކަމެއް ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ނުކުމެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ.

އެގޮތުން ދުވާފަރަށް ބޭނުންވާ ކަންކަން އެކި ފަރާތްތަކުން ހިއްސާ ކޮށްފައި ވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރަށުގެ ތަރައްގީއާއި ގައުމުގެ ތަރައްގީވެސް ބައްޓަން ކުރާނީ ރާވާލައިގެން، އިގްތިސޯދު ކުރިއެރުވުމަށްޓަކައި އަދި އާމްދަނީ ލިބޭނެ މަގުތައްވެސް ފަހިކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގައުމުގެ ދަރަނި ހުރީ 100 ބިލިއަން ރުފިޔާއަށްވުރެވެސް މަތީގަ. މި ދަރަނި ދަންތުރައިން އަޅުގަނޑުމެން ސަލާމަތްވާން ފުރަތަމަ މަސައްކަތް ފަށަންޖެހޭ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ރިޔާސީ ދަތުރުގައި އެކިއެކި ކަންކަން ކުރާނެ ވާހަކަ ދައްކަމުން ދަނީ، ދަރަނި ހުރި ވަރު  ސިކުނޑީގައި ބާއްވައިގެން ކަމަށެވެ.

މި އިގްތިސޯދު ނަގާ ކޮޅަށް ޖަހަން އެނގިލައްވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެކަން ކުރާނެ ގޮތް ބަޔާން ކުރަމުންދާ ކަމަށެވެ. އަދި މި ދަރަނި ދަންތުރައިން ގައުމު ސަލާމަތް ކޮށްދީ، އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ސިޔާސަތުތައް ހާމަ ކުރަމުން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް