ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. މާބައިދޫ އަދި މާވަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވީ އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށަށް ވަޑައިގަންނަވައިގެން ކަމަށް ރައިސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
އެގޮތުން ރައީސް ވަނީ އިއްޔެ ހެނދުނު ލ. މާބައިދުއަށް ވަޑައިގެން އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި މާވަށަށް ވަޑައިގެން އެމަނިކުފާނު ވަނީ މާވަށު ބަނދަރުގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި އެރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި ރައީސް ޞާލިޙް ހުޅުއްވައިދެއްވި މާބައިދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަތަނަވަސްކޮށް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. އަދި މާބައިދޫގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓެވެ.
ލ. މާވަށު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި މާވަށު ބަނދަރު ގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މާވަށުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި ބޮޑުހިލަ ބޭނުންކޮށްގެން 284 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 40 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް