ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް މާދަމާ އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.
އެގޮތުން މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ދާރުލްއާސާރު ބައްލަވާލައްވާފައެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި މިއީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެކެވެ.
ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީދީފައެވެ.
ދާރުލްއާސާރު ތަރއްގީކުރުމަށް ހިންގުނު ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ އާސާރީތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސްވަނީ ގާއިމްކޮށްފައި ކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމްވެސް ވަނީ ދާރުލްއާސާރުގައި ބަހައްޓާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް