މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތު އޮތީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށާއި، މި މަޝްރޫޢު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނިއެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ މަސައްކަތްތައްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރަށް، ނައިބު ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމަށާއި ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތަކުގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރާއްޖޭގެ އިޤުތިޞާދާއި ތިމާވެއްޓާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ފައިޞަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ.
އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުކަންވެސް އެމަނިކުފާނު ވަނީ ހާމަކޮށްފައެވެ.
މާލޭގައި ޤާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުޞަދުގައި ޒަމާނީ ވަޞީލަތްތަކާއިއެކު ބިނާކޮށްފައިވާ 65ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އަދި މިމަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށާއި މިސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
އޮފީހުން ބުނާ ގޮތުގައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް