ކަރަންޓު ބިލު ބޮޑުވުމާ ދެކޮޅަށް ޕާކިސްތާނުގައި ކުރަމުންދާ މުޒާހަރާތައް ފުޅާވަނީ

ޕާކިސްތާނުގައި ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅަށް ކޮންމެ ދުވަހަކު ވެސް މުޅި ގައުމުގައި ކުރަމުންދާ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އޭއާރުވައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާ...

29 Aug 2023 | 19:51

ޕާކިސްތާނުގައި ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅަށް ކޮންމެ ދުވަހަކު ވެސް މުޅި ގައުމުގައި ކުރަމުންދާ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އޭއާރުވައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އެމީހުންގެ ނޫޓުތައް އަންދަމުން ދެއެވެ.

ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކަރާޗީއިން ފެށިގެން ޚައިބަރާއި ހަމައަށް މުޅި ގައުމަށް ފެތުރިފައިވާއިރު، ބައެއް މުޒާހަރާތައް މިހާރު ދަނީ ހަމަނުޖެހުންތަކަށް ބަދަލުވަމުންނެވެ. ކަރާޗީގެ ކަރަންޓު ފޯރުކޮށްދޭ ހަމައެކަނި ކުންފުނި ކަމަށްވާ ކޭ-އިލެކްޓްރިކް އިން ދިން ގިނަ ބިލުތަކާ ދެކޮޅަށް ކަރާޗީގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. ޕާކިސްތާނުގައި ހިންގާ ނިއުސް ޗެނަލެއް ކަމަށްވާ އޭއާރްވައި ނިއުސް އިން ބުނި ގޮތުގައި އެ މީހުންގެ ބިލްތައް މުސާރައަށް ވުރެ ބޮޑުވުމުން ރައްޔިތުން ނުރުހުން ފާޅުކުރި އެވެ.

ޕިޝާވަރުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. އަދި  މި "އަނިޔާވެރިކަމުގެ" ކުރިމަތީގައި ހިމޭނުން ނުތިބޭނެ ކަމަށް ރައްޔިތުން ދަނީ ހަރުއަޑުން އިއުލާނު ކުރަމުންނެވެ.

މީގެ އިތުރުން ލާހޯރު ސްކެއާ އާއި ގަންޖް ބާޒާރުގެ ވިޔަފާރިވެރިން ވަނީ މުޒާހަރާ ޑޮކިއުމެންޓް ކުރުމުގެ ގޮތުން ކަރަންޓު ބިލްތަކުގައި އަލިފާން ރޯކޮށްފަ އެވެ.

ގުޖްރަންވާލާގައި މުޒާހަރާ ކުރި މީހުން ގުޖްރަންވާލާ އިލެކްޓްރިކް ޕަވާ ކޮމްޕެނީގެ އޮފީސް ވަށާލީ ކަރަންޓުގެ އަގު ބޮޑުވުމުން ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

ނަރޯވާލް، އެޓޮކް، ސަރްގޯދާ އަދި ހަރީޕޫރު ފަދަ އެހެން ސިޓީތަކުގައި ވެސް ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅަށް މުޒާހަރާތައް ކުރި އެވެ.

މި މުޒާހަރާތައް މިހާރު ފުޅާވެ ހަމަނުޖެހުންތަކަކަށް ބަދަލުވަމުންދާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މުޒާހަރާގެ ތެރެއިން ގިނަޢަދަދެއްގެ ރައްޔިތުން ފުލުހުން ހައްޔަރު ކުރަމުންދާ ކަމަށްވެސް ވަނީ ޚަބަރުތައް ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް