ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މައުލޫމާތު އެއްކުރަމުންދަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، މިސިނާޢަތަށް ފާހަގަކޮށްލެވޭ އިސްދައުރެއް އަދާކުރަށްވާފައިވާ ބޭފުޅުންގެ ކަމަށެވެ. އެ ފަރާތްތަކަކީ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކެއް ކަމަށް ބުންޏެވެ.
ޓޫރިޒަމް ދާއިރާގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިމަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އާއްމުންގެ ފަރާތުންވެސް މިމަޢުލޫމާތު ހޯދުމަށް ބޭނުންވާ ކަމަށް އިއުލާނުގައި ވެއެވެ.
އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު އަންނަ މަހުގެ ހަތަރެއްގެ ކުރިން އެ މިނިސްޓްރީއާއި ހިއްސާ ކުރުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
އެ މައުލޫމާތު ހިއްސާ ކުރަން ޖެހެނީ އޮންލައިންކޮށެވެ.
މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް