ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ސައިޓަށް ގެންގޮސް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ވަނީ ނިމިފައި ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.
މީގެ އިތުރުން 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. މަޝްރޫއު ނިމޭއިރު 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް