ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ މިއަދު ގެ ޝަރީއަތް ކެންސަލް ވެއްޖެ އެވެ.
މިއަދު ކުރިޔަށް ގެންދަން ހަަމަޖެހިފައި އޮތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެވެ. ޝަރީއަތް ތާވަލު ކޮށްފައި އޮތީ ހެނދުނު9:30 އަށެވެ.
މިއަދުގެ ޝަރީއަތް ކެންސަލް ކުރީ އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ޝަކީލް ޗުއްޓީ ނަންގަވާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަމައަށެވެ.
އެނގިފައިވާ ގޮތުގައި މިއަދަށް އޭރު ތާވަލްކޮށްފައި އޮތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. މި ދެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް