އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލަކީ ތަރައްޤީގެ މަގުގައި ދިވެހިރާއްޖެ އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ފެށުން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މިއަދު މިދެކެނީ އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ގާނޫނެއް ވުޖޫދަށް އައުމުގެ ފެށުން ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރަޙައްދަށް ބަލައިލާއިރުގައި ދިވެހިރާއްޖޭގެ އަވައްޓެރި ޤައުމުތަކުގައި އިލެކްޓްރޯނިކް ޒަރީޢާއިން ސަރުކާރުގައި ދެވޭ ޚިދުމަތްތައް ރާއްޖެއާ އަޅާބަލާއިރު މާ ގިނަ ކަމަށެވެ. އަދި ރާއްޖެ އޮތީ އެ ރޮނގުން ފަހަތުގައި ކަމަށެވެ.
" މި ދެންނެވި މައްސަލަތައް މިހެން ހުރުމުން ދިވެހި ސަރުކާރުން މިއަދު މި ދެކެނީ، އެ ކަންކަން ރަނގަޅުކޮށް، ޚިދުމަތްތައް އަވަސްކޮށް، ފަސޭހައިން ޚިދުމަތްދެވޭނެ މަގަކަށް ދިވެހިރާއްޖޭގެ މިސްރާބުގެ ހިންގުން ގެންދިއުމަށް ސަރުކާރުން މިބިލު މިހުށައަޅުއްވަނީ" ސަލީމް ވިދާޅުވި އެވެ.
މި ބިލާއިބެހޭގޮތުން ވާހަކަދެއްކެވި ގިނަ މެމްބަރުން ވެސް އިއްތިފާގުވެފައިވަނީ މިއީ ވަރަށް ބޭނުންތެރި ބިލެއް ކަމަށެވެ.
މި ބިލަކީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށައަޅާފައިވާ ބިލެކެވެ.
މި ބިލު ހުށަހެޅުއްވުމުގެ މަގުސަދަކީ އިޤުތިޞާދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް، ތަރުތީބުކުރުމަށް، ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާއިން މުޢާމަލާތްކުރުމާއި، އެފަދަ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރީޢާއިން މުޢާމަލާތްކުރުމުގައި ޢަމަލުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
މެންބަރުންވަނީ ރާއްޖޭގައި މިފަދަ ގާނޫނެއް ތަޢާރަފުކުރާއިރު، އިލެކްޓްރޯނިކް ވަސީލަތްތައް ގާއިމުކުރެވިގެން
ހިންގޭ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފަ އެވެ. ޚާއްޞަކޮށް ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، ބޭންކިންގ މުޢާމަލާތްފަދަ ކަންކަމުގައި މަކަރު ނެހެދޭނެ ގޮތަކަށް ރާއްޖޭގައި އެ ކަންކަން، ގާނޫނުގެ ދަށުން އިންތިޒާމުކުރެވެންވާނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މި ބިލު ގާނޫނަކަށް ވުމުން ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައިގަތުމާއި، ހެކީގެ ގޮތުގައި ދެވޭ ބުރަދަން ބަޔާންކޮށްފައިވެ އެވެ. އަދި އިލެކްޓްރޯނިކް އެއްބަސްވުންތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ އުސޫލުތައްވަނީ މި ބިލުގައި ބަޔާންކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް