ފަނިކުރެވޭވަރަށްވުރެ ބޮޑަށް ޓޫރިޒަމްގެ ފޮނިކަން ރައްޔިތުންނަށް ވިސްނޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހއ. ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒް ފައިދާ ނުހޯދުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލާފައިވާ ވަގުތެއްގަ އެވެ.
އެ ކޯލިޝަނުން މިގޮތަށް ގޮވާލީ ދައްޕަރަކީ ހއ. ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ދައްޕަރު ރިސޯޓެއް ކަމަށް ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރަކުން ދައްޕަރު ފިއްލަދޫގެ އިހްތިސާސް އިން ބޭރުކޮށްލާފައިވާތީ އެވެ.
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އެރަށް އޮތްނަމަވެސް އެތަނަކީ އަދިމިހާތަނަށް ރިސޯޓު ތަރައްގީކުރަން އެއްވެސް ބަޔަކާ ހަވާލުކޮށްފައިވާ ތަނެއް ނޫނެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކުރަން ރައީސް ސޯލިހު ނިންމެވި ނިންމެވުމަކީ ވަރަށް ހުދުމުޚުތާރު އަދި ލާމަރުކަޒީ ޤާނޫނާއި ލާމަރުކަޒު ކުރުމުގެ މަފްހޫމާއި މުޅިން ދެކޮޅު ކަމެއް ކަމަށެވެ.
ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާލިބޭ ރަށެއްގެ ގޮތުގައި އަދި ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުންދާ ރަށަކަށްވެފައި، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނި، ރަށުގެ ތަރައްޤީގެ ޕްލޭންތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ދައްޕަރު ވެފައިވަނިކޮށް ކައުންސިލާއި އަދި ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ދައްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މި ބަޔާން ނެރުމާއިގުޅިގެން ޓޫރިޒަމް މިނިސްޓަރ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވީ "ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ރަށްވެހިންނާއި ކައުންސިލްގެ ބަސް ވިކޭނެ. ތިލަދުންމަތީ ދައްޕަރުގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ފިއްލަދޫ ރައްޔިތުންގެ ތަނަވަސް ތަސައްވަރު ބޭނުންވާނެ! ބޭނުންހިފާނެ! ފަނިކުރެވޭވަރަށްވުރެ ބޮޑަށް ޓޫރިޒަމްގެ ފޮނިކަން ރައްޔިތުންނަށް ވިސްނޭ!" މިފަދައިން ނެވެ.
https://twitter.com/Mausoom_Maus/status/1432378711651733505
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް