ގޭގެއާއި އުޅަނދުތަކުގައި ސިއްރު ކެމެރާ ހަރުކޮށްގެން ފުލުހުންނަށް ބެލޭނެ ގަވައިދެއް ހަދައިފި

ކުށެއްގައި ތުހުމަތު ކުރެވޭ ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމުގެ ބާރު ފުލުހުންނަށް ލިބޭ ފަދަ ގަވާއިދެއް ހަދައިފި އެވެ. ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުނ...

30 Aug 2021 | 12:22

ކުށެއްގައި ތުހުމަތު ކުރެވޭ ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމުގެ ބާރު ފުލުހުންނަށް ލިބޭ ފަދަ ގަވާއިދެއް ހަދައިފި އެވެ.

ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުން ކުރުމުގެ ނަމުގައި ހަދަފައިވާ މި ގަވައިދަކީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެކެވެ. ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ މިއަދު އެވެ.

މި ގަވައިދުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ ބާރު އޮންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެއެވެ.

ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެހެން ނަމަވެސް އެ ބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވަސީލަތްތައް ހަރު ކުރުމާއި މުއާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ގަވާއިދުގައި ބުނާގޮތުން، ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުން ކޮށްގެން ހޯދާ ހެކިތައް ޝަރީއަތަށް ވެސް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް އެފަދަ ހެކިތައް ހުށަހަޅަން ޖެހޭނީ ހެކި ހޯދުމުގައި ހަރަކާތްތެރިވި މީހުން ހާމަ ނުވާނެ ފަދަ ގޮތަކަށް ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް