އަންނަ 2022 ވަނަ އަހަރު އެމްޕީއެލް އިން ސްޕޮންސަރކުރާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެމްޕީއެލް އިން ބުނީ 5 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއްގައި ކިޔެވުމަށް ހުޅުވާލާފައިވަނީ ޑިގްރީ އިން މެރިޓައިމް އެންޑް ލޮޖިސްޓިކްސް ކޯހާއި ޑިގްރީ އިން މެރިޓައިމް އޮޕަރޭޝަންސް ކޯހެކެވެ. މިއީ ބެޗްލާރސް ޑިގްރީ ފެންވަރުގެ 2 ކޯހެވެ.
މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވާންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ކުންފުނިން ދެން ހުޅުވާލާފައިވަނީ ޑިގްރީ އިން ނޭވަލް އާރކިޓެކްޗަރ އާއި ޑިގްރީ އިން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެވެ. މި ދެ ކޯހަކީ ވެސް ބެޗްލާރސް ޑިގްރީ ފެންވަރުގެ ދެ ކޯހެވެ.
ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއްގައި ކިޔެވުމަށް ހުޅުވާލި މި ދެ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި މި މާއްދާތަކުގެ ތެރޭގައި ހިސާބު، އިގިރޭސި އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ އިރު، މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ ކަމަށާއި އުމުރުން 25 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްޕީއެލް އިން ދެން ފުރުސަތު ހުޅުވާލާފައިވަނީ އޭ.ސީ.ސީ.އޭ ކޯހެވެ. މިއީ މާސްޓަރސް ފެންވަރުގެ ދެ ފުރުސަތެވެ.
ރާއްޖޭގައި ކިޔެވުމަށް ހުޅުވާލި މި ކޯހުގެ ޝަރުތުތަކަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ އިރު، މި ކޯހަށް ވެސް ފުރުސަތު ލިބޭނީ އުމުރުން 25 އަހަރު ފުރިފައި ނުވާ ފަރާތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިކޯސްތަކަށް ކެނޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓާއި އިންޓަވިޔު ސްކޯރ އަށް ބަލައި އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށާއި އެގޮތުން އެކަޑަމިކް މެރިޓަށް %70 މާރކްސް އަދި އިންޓަވިޔުއަށް %30 މާރކްސް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://study.port.mv ޕޯޓަލް މެދުވެރިކޮށެވެ.
މި ކޯސްތަކަށް ޝަރުތު ފުރިހަމާ ހުރިހާ ފަރާތްތަކަށްވެސް ލެވޭނެ ކަމަށާއި މިއީ އެމްޕީއެލްގެ ފަރާތުން ހުރިހާ ޚަރަދެއް ހަމަޖައްސައި ދޭ ސްކޮލަރޝިޕްތަކެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް