ޖޭޕީގެ ހަރަކާތްތައް ފެށިއްޖެ، މިރޭ ބަޔަކު ސަޮއި ކުރާނެ!

ދިވެހިރާއްޖޭގައި އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގެ ދަށުން މިރޭ ޖަލްސާއެއް ބޭއ...

30 Aug 2021 | 08:51

ދިވެހިރާއްޖޭގައި އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގެ ދަށުން މިރޭ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މ. ކުނޫޒްގައި ބާއްވާ މި ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް މިރޭ އަލަށް ސޮއިކުރާ މެމްބަރުންގެ ފޯމުތައް ޕާޓީއާ ހަވާލުކުރުން އޮންނާނެއެވެ. މި ޖަލްސާ ފެށޭނެ ގަޑިއަށް ކަމަށް އެ ޕާޓީން ހާމަކުރަނީ މިރޭ 8:30 އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މަޖިލިސް މެމްބަރު ޢަލީ އާރިފް ވިދާޅުވީ ކޯވިޑް-19ގެ އާލަމީވަބާގެ ސަބަބުން ޕާޓީގެ ހަރަކާތައްތައް މަޑުޖައްސާލުމަށް ފަހު މިހާރު އަނެއްކާ ވެސް ފަށާފައި ވާ ކަމަށެވެ. މިރޭ ބާއްވާ ޖަލްސާގައި ޕާޓީއަށް އަލަށް ގުޅޭ މެމްބަރުންތަކެއްގެ ފޯމު ޕާޓީއާ ހަވާލުރުން އޮންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މީގެ ގިނަ ޖަލްސާތަކެއް ބޭއްވި ގިނަ ބަޔަކު އެ ޕާޓީއަށް ގުޅެމުންދާކަން ހާމަވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން ހިންގާ ޖުމްހޫރީ ޕާޓިއަށް މެމްބަރުން އިތުރުކުރަން އަތޮޅު ތެރޭގައި ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށް އަލީ އާރިފް ވިދާޅުވެއެވެ. އެ ގޮތުން، 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސަތުން ވަނީ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފެށުމަށް ނިންމާފައެވެ.

ޖޭޕީގެ ހަރަކާތްތައް މަޑުޖެހުނު ދަނޑިވަޅުގައި އެ ޕާޓީގައި ތިއްބެވި މެންބަރުންތަކެއް ވަކިވެވަޑައިގެން ވަނީ އާ ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް، އެ ކަމަށް ޖުމްހޫރީ ޕާޓީން މާ ބޮޑު ފަރުވާލެއް ނުބަހައްޓަވާ ކަމަށް ލީޑަރޝިޕްގެ ބޭފުޅުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް