އޯގަސްޓް 19 ވަނަ ދުވަހު ކ. ރަސްފަރި ފަރަށް އާގު ބޯޓު އެރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. މި މައްސަލަ ވަނީ މަޖިޅީހުން ބަލައިގަނެފައެވެ.
މައްސަލަ ބަލައި ގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 35 ވޯޓުންނެވެ. ބަހުސްގެ މަރުހަލާގައި މައްސަލަ ހުށަހެޅުމަށްފަހު ރާއީ ވިދާޅުވީ މިމައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއްކަމަށެވެ.
މިކަން ހިނގާފައިވަނީ އެ ބޯޓުގެ ކެޕްޓަންގެ ބޮޑު އިހުމާލަކުންކަމަށް ރާއީ ތުހުމަތުކުރެއްވިއެވެ. މިފަދަ ކަމެއް ހިނގާފައިވާއިރު، މިއީ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކުން ނުހަނު ވިސްނަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިބޯޓަކީ ކޮންޓައިނަރުތައް ހުރި، ނުވަތަ ތެޔޮ ހުރި ބޯޓަކަށް ވީނަމަ އެސަރަހައްދުގެ ކަނޑަށާއި ފަރަށް ލިބޭނެ ގެއްލުން އިތުރަށް ބޮޑުވީސްކަމަށް ރާއީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިމައްސަލަ ހުށަހެޅުއްވީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، ކަމާއި ގުޅުންހުރި އިދަރާތަކުން މަސައްކަތްކޮށް، އަދި މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ހޯދުމަށް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
ރަސްފަރީ ފަރަކީ ގުދުރަތީ ގޮތުން ރީތި އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ. ބޯޓު ފަރަށް އަރެރުމުން ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެ ހާދިސާ ހިނގާފައިވާކަން އަންގާފައެއް ނުވެއެވެ.
ރަސްފަރީ ފަރަށް އެރި އާގު ބޯޓު އިއްޔެވަނީ ފުންކޮށްފައެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފަރަން އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހިގެންކަމަށް މަޢުލޫމާތު ލިބެއެވެ.
ޓްރާސްޕޯޓް އޮތޯރިޓީން ބުނީ މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާކަމަށެވެ. ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭންކުރި ގޮތަށް ތިރީ ތާގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައިކަމަށް އެމިނިސްޓްރީން ބުނެއެވެ.
އުޅަނދު ސަލްވޭޖްކޮށް ޕޯޓް ލިމިޓްގެ ބަނދަރު ސަރަޙައްދުގައި ނަގިލި ލުމަށްފަހު، ބޯޓުގެ އެކްސިޑެންޓް ތަހްޤީޤު ފަށާނެ ކަމަށާ، އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަ ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް