ދިވެހި ކޮމެޑީ ޑްރާމާ ސިލްސިލާ "ގިރިދާ" ގެ ޓްރެއިލާ ރިލީޒް ކޮށްފި އެވެ.
މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ޑްރާމާ އެކެވެ. “ގިރިދާ” އަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ.
ޓްރެއިލާގައި ފެނިގެންދަނީ ފިލްމެއް އުފެއްދުމަށް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކެކެވެ. މީހުން ހެއްވާލާ ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް އެމީހުންގެ ވާހަކަ ތާކުން ތާކުން ނުޖެހޭކަން ޓްރެއިލާގައި ދައްކައިދީފަވެ އެވެ.
އެކަމަކު ޑައިލޮގްތައް މަޖާކަމުން ބެލުންތެރިންނަށް ނުހީއެއް ނުތިބެވޭނެ އެވެ. ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރު އަލީ އުސާމް (ދޮނާ) ވެސް ބުނީ، ޓްރެއިލާ އެކޭ އެއްގޮތަށް ސީރީޒް ބަލާފައި ނުހީ ނީންދެވޭނެ ވަރުގެ މަޖާ މަންޒަރުތައް ހުންނާނެ ކަމަށެވެ.
މި ސިލްސިލާއިން ފެނިގެންދާ ތަރިންގެ ތެރޭގައި ދޮނާ އާއި އަލީ އާޒިމް(ދޮން އައްޔަ)، އަހުމަދު ޒިޔާއު (ޒިޔާ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މިހާރު ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ގިނަ އަންހެން ތަރިންތަކެއްވެސް ފެނިގެންދާނެ އެވެ.
"ގިރިދާ" އަކީ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އޭނާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ސީރީޒް އެކެވެ. “ގިރިދާ” ދައްކާނީ މީޑިއާނެޓުގެ މަލްޓި ސްކްރީން އެޕުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް