އިދިކޮޅު މެމްބަރުން އިހުތިޖާޖު ކޮށް، މަޖިލީހުގެ ޖަލްސާ ހުއްޓުވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތަކާއި ގުޅިގެން މެދުކަނޑާލައިފި އެވެ. އިދިކޮޅު މެންބަރުން ޖަލްސާ ފެށުމާއި އެކު އިހުތިޖާޖު ކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު...

30 Aug 2021 | 05:52

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތަކާއި ގުޅިގެން މެދުކަނޑާލައިފި އެވެ.

އިދިކޮޅު މެންބަރުން ޖަލްސާ ފެށުމާއި އެކު އިހުތިޖާޖު ކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، ބެންޗްގެ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަަލައިގައި ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައަކަށް ފުރުސަތު ލިބިވަޑައި ނުގަތުމުންނެވެ.

އެ ފުރުސަތު ނުލިބުނީ ދެ މެމްބަރަކު މިއަދު ކުއްލި މައްސަލައެއް ހުށަހަޅަން ތައްޔާރަށް ތިއްބެވުމުންނެވެ. ރިޔާސަތުން ވަނީ އޭގެ ތެރެއިން މިއަދު ހުށަހަޅާނެ މައްސަލައެއް ކަނޑައެޅުމަށް ގުރުއަތު ނަގާފައި އެވެ. އޭގެން ކާމިޔާބުވީ ކުއްލި މައްސަލަ ދެން ހުށަހަޅުއްވަން އެދިފައިވާ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ އަށެވެ.

އެ މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވައިލުމާއެކު، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ނިޒާމާ ނުުކުތާއެއް ނަންގަވައިގެން ވިދާޅުވީ، ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންނަށް، އެ ހުކުމް ކުރި އިރު ނުފޫޒު އޮތްކަން ހާމަވުމަކީ ގައުމީ މައްސަަލައެއް ކަމަށެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް މިއަދު ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެ، ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވި އެވެ.

އޭގެ ފަހުން އިދިކޮޅު މެމްބަރު މަޖިލީހުގެ އިދާރީ މޭޒު ކުރިމައްޗަށް ޖަމާވެ، އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ 10 މިނިޓަށް މެދުކަނޑާލެއްވިކަން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާން ކުރެއްވި އެވެ.

އަޑުގަދަ ކުރެއްވި މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް