ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް: ޣައްސާން

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް އިއްވާފައި ވަނީ ހަރާމް ހުކުމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމ...

30 Aug 2021 | 05:44

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް އިއްވާފައި ވަނީ ހަރާމް ހުކުމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިންގެ ބޮޑުބޭބެ ދަރިކަލުން ޣައްސާން މައުމޫން މިހެން ވިދާޅުވީ، ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ޣައްސާން ވިދާޅުވީ ފަނޑިޔާރަކު އެއްވެސް ހުކުމެއް ނުފޫޒެއް އޮވެގެން ކޮށްފިނަމަ ގާނޫނު އަސާސީގެ ދަށުންނާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުންނާއި ޖިނާއީ އިޖްރާތުގެ ގާނޫނުގެ ދަށުން އެއީ ބާތިލު ހުކުމެއް ކަމަށެވެ.

"ރައީސް ޔާމީނަށް ކޮށްފައިވަނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބާތިލު، ހަރާމް ހުކުމެއް." ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ސިޔާސީ ގޮތުން އެމަނިކުފާނަށް [ރައީސް ޔާމިނަށް] ދޭ އަނިޔާއެއް ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމުން މަސައްކަތް ކުރަނީ ޔާމީނަށް މި އަނިޔާ ދިނުމުގައި ހަރަކާތްތެރިވަނީ ކޮން ބައެއްކަން ދެނެގަންނަން ކަމަށާއި އެގޮތުން ރާވައިގެން ޔާމީނަށް އަނިޔާ ދެމުންދަނީ ކޮން ބައެއް ހޯދާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އެގޮތުން މިކަމުގެ ޒިންމާ ގޮސް ނިމޭނީ ދައުލަތުގެ އެންމެ އިސްވެރިޔާއާ ހަމައިން ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މިދަނޑިވަޅަކީ ގައުމުގެ ހައްގުގައި މިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލައިގެން ސިޔާސީ ގޮތުން މުޅި ގައުމު ފަނާކޮށްލަމުން ގެންދާތީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެއްވެސް ޝަރުތެއް ނެތި ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ވެސް ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް